ދެ މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރުމަށް އެޖެންޑާ ކޮށްފިއެވެ.
ޕީޖީ ޝަމީމް މަޖިލީހަށް ހާޒިރު ކުރުމަށް ނިންމާފައިވަނީ އަލީ ވަހީދު ފުރުވާލި މައްސަލައާއި ގުޅިގެން މަޖިލީހުގެ އަންހެން މެމްބަރުން ހުށަހެޅި މައްސަލައާއި، ކޮވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރު މައްސަލައިގައި މައުލޫމާތު ސާފު ކުރުމަށެވެ.
އެގޮތުން ޕީޖީ ޝަމީމް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް އެޖެންޑާ ކޮށްފައިވަނީ މެންދުރު 02:00 އަށެވެ.
ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެންދިޔަ މައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ.
ވެންޓިލޭޓަރު މައްސަލައިގައި މަޖިލީހުގެ ނިންމުންތަކުގެ މައްޗަށް ބިނާކޮށް، އެ މައްސަލަ އަލުން ބަލާ ދައުވާ ކުރުމަށް ޕީޖީގެ ކިބައިން މަޖިލީހުން އެދިފައިވާއިރު އަދި ވެސް އެ މައްސަލައިގައި ދައުވާކޮށްފައެއް ނުވެއެވެ.