ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅޭ މައްސަލައިގައި ހައްޔަރުކުރަން އަމުރު ނެރެފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) އަވައްޓެރި ސްރީލަންކާއިން ހައްޔަރުކޮށްފިއެވެ.
އިންޓަޕޯލް ރެޑްނޯޓިސްވެސް ނެރެފައިވާ އަންމަޓީ ހައްޔަރުކޮށްފައިވާކަން މިހާތަނަށް ސަރުކާރުގެ އެއްވސް އިދާރާއަކުން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެހެންނަމަވެސް މައުލޫމާތު ލިބޭގޮތުގައި އަންމަޓީ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އައްމަޓީ ހައްޔަރުކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.
ސީލައިފް ގްލޯބަލް އަށް ހުޅުމާލޭގައި ގިނަ އަދަދެއްގެ ފްލެޓްތަކެއް އެޅުމަށް 2014 ވަނަ އަހަރުގެ މަރޗު މަހުގެ 13 ވަނަ ދުވަހު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލު ކޮށްފައިވެއެވެ. އެޗްޑީސީން އެ ކުންފުންޏާ ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސުގެ އުސޫލުން 3000 ހައުސިން ޔުނިޓް އެޅުމަށެވެ.
އެ ކުންފުންޏަށް ފައިސާ ދެއްކި 200 އަށް ވުރެ ގިނަ މީހުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ވަނީ އެއްބަސްވުފައެވެ. އެ ކުންފުނީގެ އެމްޑީ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފައެވެ.