Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

އަމީން މަޖިލީހަށް ދޮގު ހެދި މައްސަލައިގެ ތަހުގީގު އަވަހަށް ނިންމުމަށް ޕީޖީ އެދިއްޖެ

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން - ފޮޓޯ: މަޖިލިސް

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ގަސްދުގައި އޮޅުވާލި މައްސަލައިގެ ތަހުގީގު އަވަހަށް ނިންމުމަށް ފުލުހުންނަށް އެދިފައިވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރު މައްސަލައިގައި ކުރީގެ މިނިސްޓަރު އަމީން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދީފައިވަނީ ގަސްދުގައި އޮޅުވާލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ނިންމައި މަޖިލީހުން ފާސްކޮށްފައިވަނީ ނިމުނު ޑިސެމްބަރު މަހުގެ ކުރީކޮޅުއެވެ. މަޖިލީހުން ނިންމާފައިވަނީ އަމީން މަޖިލީހަށް ދޮގު މައުލޫމާތު ދީފައިވާތީ އެކަމުގައި ދައުވާކުރުމަށް ޕީޖިއަށް ދެންނެވުމަށެވެ.

މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވެންޓިލޭޓަރު މައްސަލައިގެ އަޕްޑޭޓް ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، މަޖިލީހުން އެ މައްސަލަ ފޮނުވިތާ ދެތިން ދުވަހެއްގެ ތެރޭގައި ޖިނާއީ އިޖުރާއަތު އޮންނަގޮތުން އެ މައްސަލައިގެ ޖިނާއީ ތަހުގީގު ކުރުމަށް ފުލުހުންނަށް ފޮނުވާފައިވާކަމަށެވެ. އަދި އެކަމުގެ އަޕްޑޭޓޭއް ނުލިބޭތީ އެމައްސަލަވެސް ވީ އެންމެ އަވަހަށް ނިންމުމަށް ފުލުހުންނަށް ދަންނަވާފައިވާކަމަށެވެ.

"އެސިޓީގެ ޖަވާބެއްވެސް، ތަހުގީގުކުރާ ގޮތެއްވެސް އަޅުގަނޑުމެންނަށް އެނގިފަ ނެތީމަ މިހާރު ވާނެ ޕޮލިހަށް އަލުން ދަންނަވާލާފަ އެ މައްސަލަ އަވަހަށް ނިންމަވާފަ ފޮނުއްވާލަދެއްވަން." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައިގައި އޮންނާނީ ބަޔާން ނެގުންފަދަ އިދާރީ ދެތިން ކަމެއްކުރުން ކަމަށެވެ. އަދި އުންމީދު ކުރަނީ އަންނަ ހަފްތާގެ ތެރޭގައި އެކަމާއި މެދުވެސް ގޮތެއް ނިންމުންކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ މާ ގިނަ ދުވަހު މި މައްސަލައިގެ ކަންކަން ނުނިމި ހުންނަންބޭނުން ނުވާކަމަށާއި، އަވަހަށް ނިންމުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.