Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ޝަރުއީ ދާއިރާ

އާތިފް ދިފާއުގައި ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް

އާތިފް ޝަކޫރު - ފޮޓޯ: ވީނިއުސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ އިސްވެރިޔާ އިބްރާހިމް އާތިފް ޝަކޫރާ ދެކޮޅަށް އުފުލާފައިވާ ދައުވާގައި އޭނާގެ ދިފާއުގައި ހެކިން ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.

އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ އާތިފާއި ދެކޮޅަށް ހުށަހަޅާ ހެކި ހާމަކޮށްފައެވެ. އެހެންނަމަވެސް ވަކިވަކި ހެކި ހާމަކުރުމުގެ ބަދަލުގައި ދައުލަތުން ބުނެފައިވަނީ ދައުވާ ފޯމާއި އެކު ހެކިތައް ހުށަހަޅާފައިވާކަމަށެވެ.

މިކަމާއި ގުޅިގެން އާތިފްގެ ވަކީލް ވިދާޅުވީ ދައުލަތުގެ ބައެއް ހެކި ރައްކާތެރިކުރުމުގެ ވަގުތީ އަމުރެއް ކޯޓުން އޭނާއާ ހަވާލު ކޮށްފައިވަނީ މިއަދު ކޯޓަށް އައުމުންކަމަށެވެ. އަދި އެ އަމުރުގެ ދަށުން ރައްކާތެރިކުރުމަށް ދައުލަތުން އެދެނީ ކޮން ހެއްކެއްކަން ނޭނގޭކަމަށާއި، އަދި ހެކީގެ ތެރެއިން ސިއްރު ކުރަނީ ކިހާ ވަރެއްކަންވެސް ނޭނގޭކަމަށެވެ. އަދި އެކަންކަން ނޭނގި ދިފާއުގައި ހެކި ހުށަހެޅުމަށް ދަތިވާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ އާތިފްގެ ދިފާއުގައި ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

ދައުވާ ކުރާ މައްސަލައިގެ ތަފްސީލު:

މަޒުކަޒީ ބޭންކުގެ އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި އާތިފް ހުންނެވީ 4 ނޮވެމްބަރު 2014 އިން 21 ޖޫން 2015 އަށެވެ.

އެގޮތުން 25 ނޮވެމްބަރު 2014 ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން އެސްއޯއެފްގެ ބީއެމްއެލް އެކައުންޓަށް ފައިސާތަކެއް ޖަމާކުރި އެވެ.

އެމްއެމްޕީއާރްސީގެ ޗެކުން އެސްއޯއެފް އެކައުންޓަށް ޖަމާކޮށްފައި ވަނީ ޖުމްލަ 59،748،000.00 ރުފިޔާ (ފަންސާސް ނުވަ މިލިއަން ހަތްލައްކަ ސާޅީސް އަށްހާސް ދިވެހި ރުފިޔާ) އެވެ.

އެ މުއާމަލާތާ މެދު ޝައްކު ކުރެވިގެން ބީއެމްއެލުން ވަނީ 27 ނޮވެމްބަރު 2014 ގައި އެފްއައިޔޫއަށް ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރް) ފޮނުވާފަ އެވެ.

އެސްޓީއާރް ލިބުމާއެކު، އެފްއައިޔޫއިން ކުރި ތަހުގީގުން ވަނީ އެސްއޯއެފުން ހިންގަމުން ދިޔަ މުއާމަލާތްތަކުގައި މަނީ ލޯންޑަރިންގެ ހަރަކާތްތަކަށް ނުވަތަ ކުށެއް ކޮށްގެން ހޯދާފައިވާ އެއްޗަކާ ގުޅުން ހުރި ކަމަށް ޝައްކު ކުރެވޭ ކަމަށް ކަނޑައަޅާފަ އެވެ.

އަދި އެކަން ކަނޑައަޅާފައިވާ އެސްޓީއާރް އެނެލިސިސް ރިޕޯޓު ނިންމާފައި ވަނީ 6 އޭޕްރިލް 2015 ގައެވެ. ނަމަވެސް އޭރު އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި އާތިފް ވަނީ އެ ރިޕޯޓުގައިވާ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަށް ނުދީ ހިފަހައްޓާފަ އެވެ.

އެހެންކަމުން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އާތިފާ ދެކޮޅަށް ދައުވާ އުފުލާފައި ވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ 57 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

އެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އެފްއައިޔޫއަށް ލިބިފައިވާ މައުލޫމާތެއް މަނީ ލޯންޑަރިން ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅުން ހުރި ކަމަށް ބެލެވޭ ނަމަ، ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް އެކަން އަންގަން ވާނެ ކަމަށެވެ.

އޭގެ އިތުރުން އެ ގާނޫނުގެ 57 ވަނަ މާއްދާގެ (ހ) ގައި ވަނީ "މި ގާނޫނާ ހިލާފުވާ ފަރާތެއްގެ އަދަބަކީ 10،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ އެއް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ޖޫރިމަނާ އާއެކު ޖަލަށްލުން" ކަމަށެވެ.