Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

"އިންސާނީ ހައްޤުތަކުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރެވޭ"

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

އިންސާނީ ހައްޤުތަކުގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއިން މަސައްކަތްތައް ކުރަމުން އަންނަކަމަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ އދގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ދައުރުގެ ހައި-ލެވެލް ސެގްމަންޓްގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ. ހައި-ލެވެލް ސެގްމަންޓަކީ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ މިއަހަރުގެ ސެޝަންގެ ފުރަތަމަ ސެގްމަންޓެވެ. އަދި ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއެކު މި އަހަރުގެ ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށްދާނީ ޖެނީވާގައި ބާއްވާ ބައިތަކުގެ އިތުރުން ވަރޗުއަލް އިވެންޓްތަކެއްގެ ގޮތުގައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި އިންސާނީ ހައްޤުތައް ހިމާޔަތްކޮށް، ކުރިއަރުވަން ރާއްޖެއާ ރާއްޖެއިން ބޭރުގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި އިންސާނީ ހައްޤުތަކުގެ ދާއިރާގައި ރާއްޖެއަށް ހޯދުނު ކާމިޔާބުތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ތަރައްޤީގެ ފްރޭމްވޯކްގެ ކާމިޔާބުކަމަށް ވިދާޅުވެފައިވެއެވެ.

އަދި އެންމެ ފަހުގެ ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގައި ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ޤައުމުތަކުން ދީފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒްކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި، އިޤްތިޞާދީ، އިޖްތިމާޢީ އަދި ސަގާފީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލް ރާއްޖެއިން ތަންފީޒުކުރިކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައިވަނީ އދގެ ސްޕެޝަލް ޕްރޮސީޖަރސް މެންޑޭޓް ހޯލްޑަރުން ރާއްޖެއަށް ޒިޔާރަތްކުރުމަށް ދީފައިވާ ހުޅުވާލެވިފައިވާ ދައުވަތަށް ބަދަލެއް ނާންނަކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެބޭފުޅުންގެ ޒިޔާރަތްތަކަށް ރާއްޖެއިން މަރުޙަބާ ކިޔާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގައި ފާހަގަކުރެވޭ އިންސާނީ ހައްޤުތަކުގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއިން މަސައްކަތްކުރާ ކަމަށާއި އެގޮތުން އިންސާނީ ވަގުވިޔަފާރި ހުއްޓުވުމާއި، ޤަނޫނުގެ ވެރިކަން ނެގެހެއްޓުމާއި އިންތިޤާލީ އިންސާފު ޤާއިމްކުރުމުގެ އިތުރުން ނުރައްކަލައް ހުށަހެޅިފައިވާ މުޖްތަމައުގެ ފަރުދުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭ ގޮތުން މިނިސްތަރު ޝާހިދު ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކަށް އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގައި ދިމާވާ އިތުރު ގޮންޖެހުންތަކާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.