Last Updated: April 27, 09:13
Saturday, April 27, 2024
ކުޅިވަރު

ބަޔާން އަށް ބޮޑު މޮޅެއް، ޖިރޫޑް ޗެލްސީ މޮޅުކޮށްދީފި

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބަޔާން މިއުނިކުން ލާޒިޔޯގެ މައްޗަށް 4-1 އިން ކުރި ހޯދިއިރު، އޮލިވިއޭ ޖިރޫގެ ހިތްގައިމު ގޯލުން އެތްލެޓިކޯ މެޑްރިޑްގެ މައްޗަށް 1-0 އިން ޗެލްްސީން ކުރި ހޯދައިފިއެވެ.

މުބާރާތުގެ އެންމެފަހުގެ ޗެމްޕިނުން ކަމަށްވާ ބަޔާންގެ ފަރާތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފް ވެސް އެޓީމުން ނިންމާލީ ތިން ގޯލުގެ ލީޑަކާއެކުއެވެ. އެގޮތުން މި ތިން ގޯލު ބަޔާން އަށް ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އާއި ޖަމާލް މުސިއާލާގެ އިތުރުން ލީރޯއި ސާނޭއެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ބަޔާނުން ހަތަރުވަނަ ގޯލު ކާމިޔާބުކުރިއިރު މި ގޯލަކީ ލާޒިޔޯގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި މެޗުގައި ލާޒިޔޯއިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 49 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޔޮކީން ކޮރީޔާއެވެ. މިއީ ބަޔާނުން ބަލިނުވެ ފުރިހަމަ ކުރި ޗެެމްޕިއަންސް ލީގުގެ 18 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.

ޗެލްސީން ރޭ އެތްލެޓިކޯ މެޑްރިޑްގެ މައްޗަށް ކުރި ހޯދިއިރު، މި މެޗުގައި އެތްލެޓިކޯގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ޑިފެންސިވް ކުޅުމެކެވެ. އެގޮތުން މުޅި މެޗުގައި ވެސް އެޓީމަށް ޗެލްސީގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫއެވެ. ޖިރޫ މި ގޯލު ކާމިޔާބުކުރީ އެތްލެޓިކޯގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބައިސްކަލް ކިކަކުންނެވެ.

ރޭގެ ކުޅުނު ދެ މެޗުގެ ވެސް ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ރެއެވެ.