Last Updated: April 19, 17:23
Friday, April 19, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ޖިންސީ ގޯނާކުރާ މީހުން ފުރުވާލުމަކީ އަންހެނުންނަށް ކުރި މަލާމާތެއް: އިދިކޮޅު ކޯލިޝަން

މެމްބަރު އަހުމަދު ސަލީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖިންސީ ގޯނާކުރާ މީހުން ފުރުވާލުމަކީ މިސަރުކާރުން އަންހެނުންނަށް ކުރި މަލާމާތެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ދިނުމުގެ ގޮތުން މަޖިލީހުގައި އިއްވި ބަޔާނުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ތަހުޒީބާއި ތަރައްޤީއާއި ތަމައްދުންގެ ބިންގަލަކީ އަންހެނުން ކަމަށެވެ. އަދި އަންހެނުންނަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރާއްޖޭގައި އަންހެނުންނަށް ޖިންސީ ގޯނާކުރމުގެ ގިނަ މައްސަލަތަކެއް ހިނގަމުން އަންނައިރު، އެކަންކަމަށް އިންސާފު ނުލިބުމަކީ ޖިންސީ ތަފާތު ކުރުމުގެ އަމަލެއް ކަމަށެވެ.

އަދި ސަލީމް ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް ފާޑުވިދާޅުވެފައެވެ.

"ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން އަންހެނުންނަށް ޖިންސީ ގޯނާ ކުރާ މީހުން މިނިވަންކޮށް އެފަދަ އަމަލުތައް ދައުލަތުގެ މުދާ ބޭނުންކޮށްގެން ހިންގާ މީހުންގެ ޝަރީއަތްތައް ސިއްރުކޮށް، އެފަދަ މީހުންނަށް ސަރުކާރުން ހިމާޔަތްދީ ރާއްޖެއިން ފުރޭނެ ހީލަތްތެރިގޮތްތައް ރާވާދިނުމަކީ، ސަރުކާރުން އަންހެނުންގެ ކަރާމާތާއި ރައްކާތެރިކަމަށް އެއްވެސް ވަރަކަށް އިޚްތިރާމް ނުކުރާކަން އަންގައިދޭ ކަމެއް." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ޖިންސީ ގޯނާ ކުރާ މީހުން ފުރުވާލުމަކީ ސަރުކާރުން ޖިންސީ ގޯނާ ކުރުމަށް ދިން ހިތްވަރެއް ކަމަށާއި، އަދި އެއީ އަންހެނުންނަށް ކުރި މަލާމާތެއް ކަމަށެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ސަރުކާރާއި މަޖިލީހުން އިންތިހާއަށް ނުފޫޒު ފޯރުވާފައިވާކަމަށެވެ. ސަލީމް ވިދާޅުވީ ރައްޔިތުން މިހާރު ޝަރުއީ ނިޒާމަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާކަމަށާއި ސަރުކާރުން ބޭނުން ނުވާގޮތަށް ހުކުމް ކުރާ ފަނޑިޔާރުން "ހައިޖެކް" ކޮށްފައިވާކަމަށެވެ.

ސަލީމް ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ މީހުން ތިބިހާ ހިނދަކު ޝަރުއީ ނިޒާމު ހައްލެއް ނުކުރެވޭނެ ކަމަށެވެ. ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމަކީ މިސަރާރުގެ ވައުދެއްކަން ފާހަގަކޮށް ސަލީމް ވަނީ ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމަށް ގޮވާލާފައެވެ. އަދި ޖޭއެސްސީ އެކުލެވޭގޮތް ބަދަލު ނުކުރާހާ ހިނދަކު ޝަރުއީ ނިޒާމު މިނިވަން ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.