އަވަށްޓެރި އިންޑިއާއަށް ބޭސްފަރުވާއަށް ދިއުމަށް ވިސާހޯދުމަށް އިންޑިއާ ހައިކޮމިޝަން ދޮށުގައި ގިނަ ވަގުތު މީހުން ކިއުގައި ތިބެންޖެހިއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އިންޑީއާ ހައިކޮމިޝަން ދޮށުގައި ގިނަ ބަޔަކު އަންނަނީ ރޭގަނޑުގެ ވަގުތުގައި ކިއުޖެހެމުންނެވެ.
އެމީހުން ބުނާ ގޮތުގައި ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށްޓަކައި ވިސާ ހޯދުމަށް ކިއުގައި 12 ވަރަކަށް ގަޑިއިރު ތިބެންޖެހެއެވެ.
ބޭރުގެ ފަރާތްތަކުން ކުރާ އާންމު ދަތުރުފަތުރަށް އިންޑިއާގެ ބޯޑަރުތައް މިވަގުތަށް ބަންދުކޮށްފައި ވީނަމަވެސް، ބޭސްފަރުވާގެ ބޭނުންތަކަށް އެގައުމަށް ދަތުރުކުރެވެއެވެ. އަދި މިކަން ކުރުމަށް އެންމެ ކައިރީގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ނުވަތަ އެމްބަސީން ހާއްސަ ވިސާއެއް ނަގައިގެންނެވެ.
ކޮންމެ ރެޔަކުވެސް ގިނ ަވަގުތު މީހުނަށް ކިއުގައި ތިބެންޖެހެނީ ހާއްސަ ވިސާއަށް ކޮންމެ ދުވަހަކުވެސް ވަކި ވަރަކަށް ނަމްބަރު ދޫކުރާތީއެވެ. އަދި އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.