Last Updated: April 26, 06:01
Friday, April 26, 2024
ޚަބަރު ފަތުރުވެރިކަން

ޓުއަރ އޮޕަރޭޓަރުންގެ ޤާނޫނުގެ ސަބަބުން ދިވެހިންނަށް ރައްކާތެރިކަން ލިބޭނެ: މިނިސްޓަރު

މިނިސްޓަރު އަބްދުالله މައުސޫމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޓުއަރ އޮޕަރޭޓަރުންނާއި އެޖެންސީތަކަށް ހާއްސަ ޤާނޫނެއް އެކުލަވާލުމުން ދިވެހި ކުންފުނިތަކަށް އެކަށީގެންވާ ރައްކާތެރިކަން ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިފަދައިން ވިދާޅުވެފައިވަނީ ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޙާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު މައުސޫމް ވިދާޅުވީ ލޯކަލް ޓްރެވެލް އެޖެންޓުންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ފަރާތްތަކަމަށާއި މިއަދު ޓެކްނޮލޮޖީ ކުރިއަރައިގެންގޮސް، މަސައްކަތް ފަސޭޙަވިނަމަވެސް، ކުރިން ޓްރެވެލް އެޖެންޓުން އެތައް މަސައްކަތެއް ކުރަންޖެހޭކަމަށެވެ.

ރާއްޖޭގެ ޓްރެވެލް އެޖެންޓުންނަށް އެންމެ ބޮޑު ދައްޗަކަށް ދިމާވަނީ ދުނިޔޭގެ ވާދަވެރިކަމުގެ ތެރޭގައި އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ލިބޭނެގޮތެއް ފަހިވެފައިނެތުންކަން ފާހަގަކޮށް މިނިސްޓަރު މައުސޫމް ވިދާޅުވީ މި ޤާނޫނުގެ ސަބަބުން ލޯކަލް ޓްރެވެލް އެޖެންޓުންނަށް ރައްކާތެރިކަން ލިބިގެންދާނެކަމަށެވެ.

"ޒަމާނީ ވާދަވެރިކަން ޕްރީ ޓްރޭޑް ތެރޭގައިވެސް އެޤައުމެއްގެ ވިޔަފާރިވެރިންނަސް ރައްކާތެރިކަން ދިނުން އެއީ އަޅުގަނޑުހިތުން ވިސްނާލަންޖެހޭ ކަމެއް. ޤައުމެއްގެ އިޤްތިސާދަށް އެންމެ ރަނގަޅުވާނީ އެގޮތައް." މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މައުސޫމް ވިދާޅުވީ އުންމީދުކުރަނީ ޤާނޫނު ހެދިގެން އަންނައިރު ރާއްޖެއަށް ލިބޭ ޑޮލަރު ދިވެހިރާއްޖޭގައި ބެހެއްޓުމުގެ ފުރުސަތުވެސް ތަނަވަސްވުމަށް ކޮންމެވެސް ޖާގައެއް ލިބިގެންދާނެކަމަށް ކަމަށެވެ.