Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

ސިޓީން ޖެހިޖެހިގެން 20 ވަނަ މޮޅު ހޯދައިފި

ވެސްޓްހަމް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީން ޖެހިޖެހިގެން 20 މޮޅު ހަމަކޮށްފިއެވެ.

ސިޓީން ޖެހިޖެހިގެން ހޯދި 20 މޮޅުގެ ތެރެއިން 14 މޮޅު ހޯދާފައިވަނީ ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުންނެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 62 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑް އަދި ތިންވަނައިގައި އޮތް ލެސްޓަ ސިޓީ އަށް 49 ޕޮއިންޓު ލިބިފައިވާއިރު 45 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައި އޮތީ ވެސްޓްހަމް ޔުނައިޓެޑެވެ.

ސިޓީގެ ދަނޑުގައި މިއަދު ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ދެ ގޯލު ވެސް ކާމިޔާބުކޮށްދީފައިވަނީ ދެ ޑިފެންޑަރުން ކަމަށް ރުބެން ޑިއާސް އާއި ޖޯން ސްޓޯންސް އެވެ. ވެސްޓްހަމްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފައިވަނީ މިކޭލް އެންޓޯނިއޯ އެވެ.

ލީގުގެ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ސިޓީން ނަގާފައިވާއިރު، ލީގުގެ އެޓީމު ދެން ބައްދަލުކުރާނީ ވުލްވްސް އާއެވެ. އެއަށްފަހު ދެން އެޓީމު ނިކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ.