Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރުވެއްޖެ: މަލީހް

ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރު ވެފައިވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްތަރު މަލީހް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާނޫނުއަސާސީ ތަރިކަ މުދަލަކަށް ހަދާފައިވާ ކަމަށާއި، ދޮގު އިލްޒާމެއް އަޅުވާ ބޭއިންސާފުން ދޭން އުޅޭ އަދަބު ބޭޒާރު ވާނެ ކަމަށެވެ.

"ބޭއިންސާފުގެ މައްޗަށް އިންސާފު އަބަދުވެސް ކުރި ހޯދާނެ. ލިބޭ ބާރަކީ ފާޑެއްގެ އެއްޗެއް." މިނިސްޓަރު މަލީހްގެ ޓްވީޓްގައިވެއެވެ.

މިނިސްޓަރު މަލީހް މިފަދައިން ޓްވީޓްކުރައްވާފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާ ދެ ހަފްތާގެ ނޯޓިސް ދީފައިވާ ދަނޑިވަޅެއްގައެވެ.

14 މެމްބަރުންގެ ސޮޔާއި އެކު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައިވަނީ، ޓެލިކޮމިއުނިކޭޝަން ޤާނޫނުން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު، ޤާނޫނުގެ ދަށުން ރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ގަވައިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރުވެސް މިނިސްޓަރު މަލީހް ހައްދަވާފައި ނުވާކަމަށެވެ.

އަދި ގަވައިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް ވަޒީރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައިނުވާކަމާއި، އަދި އެކަމަށް ހުރަސް އަޅުއްވާފައިވާކަން ސާފުވާކަމަށް އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައިވެއެވެ.