Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

މިއީ ދޮގާ މަކަރާ ހީލަތުން ކުރިއަށްދާ ޒާތީ މައްސަލައެއް: މަލީހް

މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިތުބާރު ނެތްކަމުގެ މައްސަލައަކީ ދޮގާ މަކަރާ ހީލަތުން ކުރިއަށްދާ ޒާތީ މައްސަލައެއް ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ މަޖިލީހަށް ހާޒިރުވެ ހުރީ ވަޒީފާ ދިފާއު ކުރަން ނޫން ކަމަށާއި ހާޒިރުވެ ހުރީ ޤާނޫނުއަސާސީގެ މާއްދާ 27 ދިފާއުކުރުމަށް ކަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލައަކީ ދޮގާ މަކަރާ ހީލަތުން ދައުލަތެއްގެ ވަޒީރެއްގެ ނަން ކިލަންބުކުރުމަށް ކުރިއަށްގެންދާ ޒާތީ މައްސަލައެއް ކަމަށް މަލީހް ވިދާޅުވިއެވެ. އަދި މި މައްސަލަ ރައްދުވަނީ އޭނާއަށް ކަމާއި މެދު ސުވާލުއުފެދޭ ކަމަށާއި މި ވަގުތާއި ހަމައަށް ވެސް އޭނާ މަޖިލީހަށް ފޮނުވާފައިވާ ސިޓީގެ ޖަވާބު މަޖިލީހުން ދީފައިނުވާކަމަށް މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅިވީ ނަހާދާ ކަމަށްބުނާ ގަވައިދުތައް ހަދާ ނިންމާފައިވާ ކަމަށާއި، އެއީ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހަދާ ނިންމާފައިވާ ގަވައިދުތަކެއް ކަމަށެވެ. އަދި އެ ޤާނޫނު ފާސްކުރީ 2015 ވަނަ އަހަރު ކަން ފާހަގަކޮށް މިނިސްޓަރު މަލީހް ވަނީ އޭގެ ފަހުން އައި ވަޒީރުން އެ ގަވައިދުތައް ނަހަދާ އޮތް މައްސަލަތައް މަޖިލީހުން ނުބެލީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.

މިނިސްޓަރު މަލީހް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ގަވައިދެއް ނުހަދައިގެން ނޫންކަމަށާއި، މި މައްސަލަ ހުށަހަޅާފައިވަނީ 13 ނޮވެމްބަރު 2020 ގައި ވީޓީވީގައި ދެއްކި ވާހަކައަކާއި ގުޅިގެން ކަމަށެވެ.

"އިންސާފުގެ ދަތުރުގެ އޮޑި ފެތުނީތޯ؟" މިނިސްޓަރު މަލީހް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މަލީހް ވިދާޅުވީ އޭނާއަކީ ރިޔާސީ ނިޒަމަށް ތާއީދުކުރާ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ މީހެއް ކަމަށެވެ. އަދި ޤާނޫނުއަސާސީގެ މާއްދާ 27ގެ ބޭނުން ހިފާނެ ކަމަށް މިނިސްޓަރު މަލީހް ވިދާޅުވިއެވެ.