Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މެމްބަރުން ހިތްހަމަ ނުޖެހުމުން ވަޒީރުޖެހޭނީ މަގާމުން އެކަހެރިވާން: އަލީ އާޒިމް

މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މެމްބަރުން ހިތްހަމަ ނުޖެހުމުން ވަޒީރުޖެހޭނީ މަގާމުން އެކަހެރިވާންކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ނުކުރެވޭނަމަ އަދި ރައްޔިތުން ބޭނުންވާ ނަތީޖާ ނުނެރެވޭނަމަ އެފަރާތެއް މަގާމުން ދުރުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއްކަމަށެވެ.

"ބަހަނާތަކެއް، އިތުރު ވާހަކަ ތަކެއް އަޅުގަނޑުމެން ބޭނުމެއް ނޫން." އަލީ އާޒިމް ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވި ކަންކަން ކޮމިއުނިކޭޝަން މިނިސްޓްރީއަށް ފޯރުކޮށް ނުދެވުނުކަން ފާހަގަކޮށް މަލީހް ވިދާޅުވީ އެމްޑިޕީގެ މަޖިލިސް މެމްބަރުންގެ އިތުބާރު މަލީހުއަށް މިހާރު ނެތްކަމަށެވެ.

އަލީ އާޒިމް ވިދާޅުވީ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތަކާއި ހިލާފަށް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މެމްބަރުން ސޮއިކޮށް ހުށަހަޅަންޖެހެނީ ސަބަބެއް ކަމަށާއި، ތަހުގީގެއް ހިންގަން ނުޖެހޭ ކަމަށެވެ.

"އިތުރު ވާހަކަތަކެއް ދެއްކުމުގެ ފުރުސަތެއް ނެތް، އަޅުގަނޑުމެން ހިތްހަމަ ނުޖެހުނީމާ އެ ވަޒިރަކު މަގާމުން އެކަހެރިވެގެން ދާންޖެހޭނީ. އެއީ އަޅުގަނޑުމެން މިތަނުން ނިންމާ ނިންމުމެއް." އަލީ އާޒިމް ވިދާޅުވިއެވެ.

ވެރިކަމަށްވެސް އަދި މެމްބަރުން މަޖިލީހަށްވެސް އަންނަނީ ވައުދުތަކަކާއި އެކު ކަމަށާއި ނިޒާމު އޮތްގޮތުން ވައުދުތައް ފުއްދައިދިނުމަށް ތިބީ ވަޒީރުންކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. އަދި އެ ވައުދުތައް ނުފުއްދި ކަންބޮޑުވުން އިތުރުވާނަމަ މަޖިލީހަށް ޖެހޭނީ އެ ވަޒީރަކާއި ދޭތެރޭ ފިޔަވަޅު އަޅަންކަމަށް ވިދާޅުވިއެވެ.