Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

މިއީ ކޯލިޝަން ސަރުކާރެއްގައި ކަން ހިނގަންވާނެ ގޮތެއްނޫން، މަލީހަށް އިތުބާރު އެބޮތް: ރިޔާޒް

މެންބަރު އަބްދުالله ރިޔާޒް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަގާމުން ވަކިކުރަނީ މަސައްކަތެއް ނުކޮށްގެން ނޫން ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ މަލީހަކީ ތައުލީމީ ގާބިލު ބޭފުޅެއްކަމަށެވެ.

ރިޔާޒް ވިދާޅުވީ މިހާތަނަށް އައި އިރުވެސް ސަރުކާރުގެ ފަރާތުން މަލީހުގެ ވާޖިބު އަދާނުކުރާކަމަށް އެއްވެސް ހިސާބަކުން ޖޭޕީގެ ލީޑާޝިޕާއި ހިސާބަށްވެސް އަދި ޕާޓީގެ މެމްބަރަކާވެސް ހިއްސާކޮށްފައި ނުވާކަމަށެވެ.

ގަވައިދުތަކެއް ނަހަދާ ކަމަށްބުނެ ޖަވާބުދާރީ ކުރުވުމުގެ ގޮތުން މަގާމުން ދުރުކުރުމަށް މައްސަލަ ހުށަހަޅާ މަޖިލީހުގައި ކުރިއަށްދާ ކަންކަން ބަލައިނުގަންނާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މަޖިލީހަކީ ސިޔާސީ މަސައްކަތްކުރާ ތަނެއްކަން ފާހަގަކޮށް އަބްދުﷲ ރިޔާޒް ވިދާޅުވީ މަލީހާއި ދެކޮޅަށް ކުރެވޭ ކަމަކީވެސް ސިޔާސީ ކަމެއްކަމަށެވެ. އަދި މަލީހް މަގާމުން ދުރުކުރަނީ މަސައްކަތެއް ނުކޮށްގެންވެސް ނޫންކަމަށް ރިޔާޒް ވިދާޅުވިއެވެ.

"މިއީ ސަރުކާރުގެ ފަރާތުން ހުށަހެޅިގެން ކުރައްވާ ކަމެއްނޫން. މިއީ މަޖިލީހުގެ ތެރެއިން މަޖިލީހުގެ މެމްބަރުންނަށް ފެނިގެން ނިންމާ ނިމުމެއް. މިއީ ހަގީގަތުގައި ކޯލިޝަން ސަރުކާރެއްގައި ކަން ހިނގައިގެންވާނެ ގޮތެއްނޫން. އަޅުގަނޑު ދެކޭގޮތުގައި ރައީސުލްޖުމްހުރިއްޔާއާ ޕާޓީތަކުގެ ލީޑަރުންނާއި ވާހަކަ ދައްކަވާ މަޝްވަރާ ކުރައްވަންޖެހޭނެ އެއްވެސް ބޭފުޅެއްގެ މައްސަލައެއް އުޅޭކަމަށް ވަންޏާ. ސްލޮޓެއް ބަދަލުކުރެއްވުމުގެ ފުރުސަތުވެސް އެބައޮތް." އަބްދުالله ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ މަލީހަށް ޖުމްހޫރީ ޕާޓީގެ އިތުބާރު އެބައޮތްކަމަށާއި، މަލީހަކީ ޤާބިލު ބޭފުޅެއްކަމަށެވެ. އަދި ކޯލިޝަންގައި އެންމެ ގިނަ މެމްބަރުން ހިމެނޭ ޕާޓީން މިގޮތަށް މިކަން ކުރުމުން ހިތާމަ ކުރާކަމަށް ވިދާޅުވިއެވެ.