Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

މަލީހް، ރައީސް ނަޝީދަށް: "ތިހާ ހުދުމުހުތާރުކޮށް ކަން ކުރާތީ ހިތާމަކުރަން"

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގައި ކަން ކުރައްވަނީ ހުދުމުހުތާރުކޮށްކަމަށް ވިދާޅުވެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބު ދާރީވުމަށް ލިބުނު ތިން ވަނަ ފުރުސަތުގައި ވާހަކަދައްކަވަން ފައްޓަވަމުން މިނިސްޓަރު މަލީހް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްދަނީ މަޖިލީހުގެ ގަވައިދާއި ހިލާފަށްކަމަށް ވިދާޅުވެފައެވެ. އެގޮތުން އިތުބާރު ނެތްކަމުގެ ބަހުސް ކުރިއަށްދާނީ ދެ ގަޑިއިރަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ބަހުސްގައި ތިން ގަޑިއރު ވެފައިވާކަމަށް މަލީހް ވިދާޅުވިއެވެ.

މަލީހް އެގޮތަށް ފާހަގަކުރުމުން ރައީސް ނަޝީދު ވަނީ މަލީހްގެ ވާހަކަ ހުއްޓުވާ މަޖިލީހުގެ ގަވައިދާއި ހިލާފަށް ކަމެއް ދޭތޯ އަމީންއާންމު އަދި ކައުންސެލާ ޖެނެރަލް ކުރެއް ސާފުކުރައްވާފައެވެ. އަދި ރައިސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ވަގުތު ކަނޑައެޅުމާއި ކަންކަން ކުރިއަށްދަނީ މެޝިނުން ކަމަށް ވިދާޅުވެފައެވެ.

"އިއްޒަތްތެރި ރައީސް އެހެންވީރު އަޅުގަނޑު ބަލާލަން ބޭނުން މެޝިނުން ކިހާ ވަގުތެއް ހިނގައިފިތޯ؟" ރައީސް ނަޝީދުގެ ވާހަކައަށްފަހު މިނިސްޓަރު މަލީހް ސުވާލު ކުރެއްވި އެވެ.

އެހެންނަމަވެސް ރައީސް ނަޝީދު ވަނީ މިނިސްޓަރު މަލީހަށް އެ ފުރުސަތު ނެތްކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު މަލީހް މަޖިލީހުގައި ވާހަކަ ދައްކަވަމުން ދިޔައިރު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވާފައެވެ. އަދި އެކަމާއި ގުޅިގެން މަލީހް ވަނި 10 މިނެޓްގެ ފުރުސަތު އޭނާއަށް ނެތީތޯ ރައީސް ނަޝީދު ކުރެއް ސުވާލުކުރައްވާފައެވެ. ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، މިނިސްޓަރު ވާހަކަ ދައްކަވަން ވީމާވެސް އަދި ވާހަކަ ނުދައްކަވާން ވީމާވެސް ވިދާޅުވާނެ ކަމަށެވެ. 

ރައީސް ނަޝީދު އެމަގުން ވިދާޅުވުމުން މަލީހް ވަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

"އިއްޒަތްތެރި ރައީސް ތި ގޮނޑިކޮޅުގައި އިންނަވާ ތިހާ ހުދުމުހުތާރުގޮތަކަށް ކަންކަން ކުރައްވާތީ އަޅުގަނޑު ވަރަށް ހިތާމަކުރަން." މަލީހް ވިދާޅުވިއެވެ.

އޭގެފަހުން މަލީހް ވާހަކަ ދައްކަވަމުން ގެންދެވިއިރު މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންވނީ ނިޒާމީ ނުކުތާ ނަންގަވާ މަލީހްގެ ވާހަކަތަކަށް ރައްދުދެއްވާފައެވެ.