Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ކަނޑުފޭރޭ މީހުންގެ ދިދަ ބާލައިފި!

ސިޓީ ސްކެއާގައި ކަނޑުފޭރޭ މީހުންގެ ދިދައެއް ނަގާފައި:މި ދިދަ ފުލުހުން މިހާރު ވަނީ ބާލާފައި. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ސިޓީ ސްކެއާގައި ހުންނަ ބޮޑު ދިދަ ދަނޑީގައި ބަޔަކު ނެގި ކަނޑުފޭރޭ މީހުންގެ ދިދަ މިހާރު ބާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އަހުމަދު ޝިފާން މިއަދު ވިދާޅުވީ އެ ދިދަ ބަޔަކު ނަގާފައި ވަނީ ރޭ ފަތިހުގެ ވަގުތެއް ކަމަށެވެ.

އެހެން ނަމަވެސް ހިތަދޫ ޕޮލިސް ސްޓޭޝަންގެ ކުރިމަތީގައި އޮންނަ ސިޓީ ސްކެެއާގައި ނެގި ދިދަ މިހާރު ބާލައި، އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވީ ކަނޑުފޭރޭ މީހުން ރަމްޒުކޮށްދޭ ދިދައެއް ސިޓީ ސްކެއާގައި ނެގި ކަމެއް އެނގިވަޑައިގެންފައި ނެތް ކަމަށެވެ.

ސާކް ސަމިޓާ ދިމާކޮށް ހެދި ސިޓީ ސްކެއާގައި ހުރި 78.6 ފޫޓްގެ ބޮޑު ދިދަ ދަނޑީގައި ގައުމީ ދިދަ ނުނަގާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު ދިދަ ދަނޑިއަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.