Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

މަލީހް މަޖިލީހުގައި ހަގީގަތާ ހިލާފު ވާހަކަ ދެއްކިތޯ ބަލަނީ!

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރައްޔިތުންގެ މަޖިލީހުގައި ހަގީގަތާއި ހިލާފު ވާހަކަ ދެއްކިވިތޯ ބެލުމަށް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ފޮނުވާނެކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބު ދާރީވަމުން މިނިސްޓަރު މަލީހް ވިދާޅުވީ ހަދާ ނިންމާފައިވާ ގަވައިދުތަކެއް ނަހަދާކަމަށް ބުނެ "ކަނޑައެޅިގެން ބުހުތާނު ދޮގުތަކެއް" ހަދާފައިވާ ކަމަށެވެ.

މަލީހް އެގޮތަށް ވިދާޅުވުމުން މެމްބަރު މީކާއިލް ވަނީ ނިޒާމީ ނުކުތާ ނަންގަވާ، މަލީހްގެ ވާހަކަފުޅުގައި ތަކުރާރުކޮށް މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް އިތުރުފުޅު ހައްދަވަމުން ދާކަމަށް ވިދާޅުވާ ކަމަށް ވިދާޅުވެ ގަވައިދުތައް ހެއްދެވި ތާރީހު ސާފުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

މީކާއިލްގެ ވާހަކަ ނިމުމުން ރައީސް މުހައްމަދު ނަޝީދު ވަނީ މީކާއިލްގެ ނިޒާމީ ނުކުތާ ބަލައިގަންނަކަމަށް ވިދާޅުވެފައެވެ.

"އަދި ވަޒީރު ވަޒީރެއްގެ ގޮތުގައި ހުންނަވާ ދިވެހިރާްއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ގަޤީޤަތާއި ހިލާފު ވާހަކަފުޅު ދައްކަވާފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަށް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ފޮނުވޭނެ. އަދި އިމްތިޔާޒް ކޮމިޓީން އެކަން އެހެން ސާބިތުވެއްޖެ ނަމަ ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލަށް ވެސް ފޮނުވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވުމުން މަލީހް ވަނީ އެކަން އެގޮތަށް ބެއްލެވުމަށް އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ މަޖިލީހުން ވެސް ގޯހުން ކަމެއް ކުރާނަމަ އެވާހަކަ ދައްކާނެ ކަމަށެވެ.