Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މަލީހު ވަކި ކުރީ އަސާސެއް އޮވެގެން ނޫން: ގާސިމް

ސައިންސް އެންޑު ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ބޭރު ކުރީ އެއްވެސް އަސާސެއް އޮވެގެން ނޫންކަމަށާއި އެކަން ބަލައި ނުގަނެވޭނެކަމަށް ސަރުކާރު ކޯލިޝަންގެ އެއް ޕާޓްނާ ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އާއި އަރިސް ޖުމްހުރީ ޕާޓީގެ އިސް ލީޑަރަކު މިއަދު ވިދާޅުވީ މަލީހު މަގާމުން ވަކި ކުރުމާއި ގާސިމް ސީދާ ދެކޮޅު ކަމަށެވެ. އެގޮތުން އިންޓަނެޓުގެ ަގު ހެޔޮ ނުކުރި ކަމަށް ބުނެ މަލީހު މަގާމުން ބޭރު ކުރުމަކީ އަސާސެއް އޮވެގެން ކުރި ކަމެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.

ޖުމްހުރީ ޕާޓީން ބުނީ މަލީހުގެ މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ބުނެ އޭނާ މަގާމުން ވަލި ކުރުމުގެ ކުރިން އެފަދަ ޝަކުވާއެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ޕާޓީއަށް ލިބިފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަލީހު ވަޒީރުކަމުން ވަކި ކުރީ ރައްޔިތުންގެ މަޖިލީހުގެ 59 މެމްބަރުންގެ ވޯޓުންނެވެ. މިއަދުގެ ޖަލްސާގައި ޖަވާބު ދާރީ ވަރުމުން މަލީހު ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ދޮގާ މަކަރާ ހީލަތުން ކުރިއަށްދާ ޒާތީ މައްސަލައެއް ކަމަށެވެ.

މަލީހް ވިދާޅުވީ މަޖިލީހަށް ހާޒިރުވެ ހުރީ ވަޒީފާ ދިފާއު ކުރަން ނޫން ކަމަށާއި ހާޒިރުވެ ހުރީ ޤާނޫނުއަސާސީގެ މާއްދާ 27 ދިފާއުކުރުމަށް ކަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލައަކީ ދޮގާ މަކަރާ ހީލަތުން ދައުލަތެއްގެ ވަޒީރެއްގެ ނަން ކިލަންބުކުރުމަށް ކުރިއަށްގެންދާ ޒާތީ މައްސަލައެއް ކަމަށް މަލީހް ވިދާޅުވިއެވެ. އަދި މި މައްސަލަ ރައްދުވަނީ އޭނާއަށް ކަމާއި މެދު ސުވާލުއުފެދޭ ކަމަށާއި މި ވަގުތާއި ހަމައަށް ވެސް އޭނާ މަޖިލީހަށް ފޮނުވާފައިވާ ސިޓީގެ ޖަވާބު މަޖިލީހުން ދީފައިނުވާކަމަށް މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅިވީ ނަހާދާ ކަމަށްބުނާ ގަވައިދުތައް ހަދާ ނިންމާފައިވާ ކަމަށާއި، އެއީ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހަދާ ނިންމާފައިވާ ގަވައިދުތަކެއް ކަމަށެވެ. އަދި އެ ޤާނޫނު ފާސްކުރީ 2015 ވަނަ އަހަރު ކަން ފާހަގަކޮށް މިނިސްޓަރު މަލީހް ވަނީ އޭގެ ފަހުން އައި ވަޒީރުން އެ ގަވައިދުތައް ނަހަދާ އޮތް މައްސަލަތައް މަޖިލީހުން ނުބެލީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.

މިނިސްޓަރު މަލީހް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ގަވައިދެއް ނުހަދައިގެން ނޫންކަމަށާއި، މި މައްސަލަ ހުށަހަޅާފައިވަނީ 13 ނޮވެމްބަރު 2020 ގައި ވީޓީވީގައި ދެއްކި ވާހަކައަކާއި ގުޅިގެން ކަމަށެވެ.

"އިންސާފުގެ ދަތުރުގެ އޮޑި ފެތުނީތޯ؟" މިނިސްޓަރު މަލީހް ވިދާޅުވިއެވެ.

މަލީހު އަކީ ޖުމްހުރީ ޕާޓީގެ ސްލޮޓުގައި ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. މިއަދުގެ ޖަލްސާގައި މަލީހު ދިފާއު ކުރައްވައި ޖުމްހުރީ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ މަލީހް ޖަމާލް މަގާމުން ވަކިކުރަނީ މަސައްކަތެއް ނުކޮށްގެން ނޫން ކަމަށާއި އޭނާއަކީ ގާބިލް ތައުލީމީ ބޭފުޅެއް ކަމަށެވެ.

ރިޔާޒް ވިދާޅުވީ މިހާތަނަށް އައި އިރުވެސް ސަރުކާރުގެ ފަރާތުން މަލީހުގެ ވާޖިބު އަދާނުކުރާކަމަށް އެއްވެސް ހިސާބަކުން ޖޭޕީގެ ލީޑާޝިޕާއި ހިސާބަށްވެސް އަދި ޕާޓީގެ މެމްބަރަކާވެސް ހިއްސާކޮށްފައި ނުވާކަމަށެވެ.

ގަވައިދުތަކެއް ނަހަދާ ކަމަށްބުނެ ޖަވާބުދާރީ ކުރުވުމުގެ ގޮތުން މަގާމުން ދުރުކުރުމަށް މައްސަލަ ހުށަހަޅާ މަޖިލީހުގައި ކުރިއަށްދާ ކަންކަން ބަލައިނުގަންނާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މަޖިލީހަކީ ސިޔާސީ މަސައްކަތްކުރާ ތަނެއްކަން ފާހަގަކޮށް އަބްދުﷲ ރިޔާޒް ވިދާޅުވީ މަލީހާއި ދެކޮޅަށް ކުރެވޭ ކަމަކީވެސް ސިޔާސީ ކަމެއްކަމަށެވެ. އަދި މަލީހް މަގާމުން ދުރުކުރަނީ މަސައްކަތެއް ނުކޮށްގެންވެސް ނޫންކަމަށް ރިޔާޒް ވިދާޅުވިއެވެ