Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

އަކުއާ ބައިކް ވޯލްޑް ޗެމްޕިއަންޝިޕް އައްޑޫގައި ބާއްވަނީ

އަކުއާ ބައިކް ވޯލްޑް ޗެމްޕިއަންޝިޕް އައްޑޫ ސިޓީގައި ބޭއްވުމަށް މަސައްކަތް ފަށައިފިއެވެ.

މި ހަރަކާތަކީ އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާއި ގުޅުވައިގެން ބާއްވާ ހަރަކާތެކެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ މި ހަރަކާތާއެކު ސްޕޯޓްސް ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި އައްޑޫ ޕްރޮމޯޓް ވެގެންދާނެ ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން މިކަމަށް ދެއްވާ އެއްބާރުލުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ ރަންޔޫބީލްގެ ކައުންޓްޑައުން ފަށާފައިވާއިރު، އަންނަ އަހަރު ފަތުރުވެރިކަމުގެ ރަން އަހަރުގެ ގޮތުގައި ފާހަގަ ކުރަން ވަނީ ނިންމާފައެވެ.

އައްޑޫގައި އަކުއާ ބައިކް ވޯލްޑް ޗެމްޕިއަންޝިޕެއް ބާއްވަން ނިންމިއިރު، މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މައި ހަރަކާތްތައް ވެސް އައްޑޫގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

އަދި އަންނަ އަހަރަކީ ފަތުރުވެރިކަމުގެ ރަން އަހަރު ކަމަށްވާއިރު، އެ އަހަރަށް މަރުހަބާ ކިޔާއިރު އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެންގެ މޫނަށް ހިނިތުވުންވުމުގެ ކުލަވަރު ގެނެސްދޭނެ ކަމަށްވެސް މިނިސްޓަރު މައުސޫމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.