ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ދައުރުގައި ބިލެއް ހުށަހަޅާފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތް ވަރަށް މަދުވެއްޖެ ކަމަށާއި، އެއީ މަޖިލީހަށް ބިލު މިވަގުތު ލިބިފައި ނުވާތީކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ ބިލުތަކުގެ ސުންގަނޑި ކަނޑައެޅި އެ މަސައްކަތްތައް ކޮމިޓީތަކުގައި ހިނގަމުންދާކަމަށެވެ.
މަޖިލީހުގެ ކޮންމެ ދައުރެއް ފަށާއިރު އެ ދައުރަކަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ބިލު ތަކުގެ ލިސްޓް މި ދައުރުގައި ވެސް ބަންޑާރަނައިބުގެ އޮފީހުން ފޮނުވާފައިވާކަމަށާއި، އެހެން ނަމަވެސް ބިލެއް ނުލިބޭކަމަށް ވިދާޅުވިއެވެ.
"މަޖިލީހުގެ އެކިއެކި މެމްބަރުންނާ ކޮމިޓީތަކުގެ އިސްނެގުމުގެ ދަށުން ބައެއް ބިލުގެ ތަސައްވަރުތައް އެކުލަވާލެވި އަދި ސިޔާސީ ޕާޓީތަކުންވެސް ބިލްތަކުގެ ތަސައްވަރުތައް އެކުލަވާލެވި އެ މަސައްކަތްތައް ހިނގަމުން އެބަދޭ. އެހެންނަމަވެސް ގިނަ ބޭނުންވެފައިވާ ބިލުތަކަކީ ފައިސާއާވެސް ގުޅޭ ބިލު ކަމަށްވާތީވެ ސަރުކާރުން އެ ބިލުތައް މަޖިލީހަށް ލިބުމަކީ ބޭނުންތެރިކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.
މިކަމުގައި ބަންޑާރަނައިބާއި ބައްދަލުކުރައްވާނެކަން ހާމަކޮށް ރައީސް ނަޝީދު ވިދާޅުވީ ވީހާވެސް އަވަހަކަށް މަޖިލީހަށް ހުށަހެޅެން ހުރި ބިލުތަކަކީ ކޮބައިތޯ މަޝްވަރާކުރާނެކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން ބޮޑު މުސާރަ ދީފައި ތިބޭ މަޖިލީހެއްގައި ރައްޔިތުން ބޭނުންވާ ވަރަށް މަސައްކަތް ކުރިއަށްނުދާނަމަ ރައްޔިތުންގެ ޝަކުވާ ގިނަވާނެ ކަމަށެވެ.