Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

އަލީ އާޒިމް މިއުޅެނީ ހެއްދެވި ފަރާތަށްވެސް އޮޅުވާލަންތޯ؟: މަލީހް

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް އުޅުއްވަނީ ހެއްދެވި ފަރާތަށްވެސް ކަންކަން އޮޅުވާލަންތޯ ވިދާޅުވެ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.

އިތުބާރު ނެތްކަމުގެ ވޯޓު ނަގާ މިނިސްޓަރުގެ މަގާމުން ދުރުކޮށްފައިވާ މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ މަގާމުން ދުރުކުރުމުގެ މުޅި ޕްރޮސެސް ޤާނޫނުއަސާސީއާއި ހިލާފުކަމަށެވެ.

"މަޖިލީހުގެ އެ ރޯޔަލް ފެކްޝަން އިއްޔެ ފަލީހަތްވެއްޖެ." މަލީހްގެ ޓްވީޓްގައިވެއެވެ.

އަދި މަލީހް ވިދާޅުވެފައިވަނީ އިއްޔެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓަށް އެހި ގަޑިވެސް މެމްބަރުންނަށް އޮޅުވާލާފައިވާކަމަށެވެ.

އިއްޔަ މަޖިލީހުގެ ޖަލްސާ ކުރިއަށް ދިޔައިރުވެސް މަލީހް ވަނީ މަޖިލީހުގެ ގަވައިދާއި ހިލާފަށް ކަންކަން ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އަމީންއާންމާއި ކައުންސެލާ ޖެނެރަލްއާ ވާހަކަ ދެއްކެވުމަށްފަހު ރައީސް ނަޝީދު ވިދާޅުވެފައިވަނީ މަޖިލީހުގެ ގަވައިދާއި ހިލާފަށް އެއްވެސް ކަމެއް ކުރިއަށް ނުދާކަމަށެވެ.

އަދި މަލީހް ވަނީ މަޖިލީހުގެ ރައިސް ނަޝީދު ކަންކަން ހުދުހުތާރުކޮށް ކުރައްވާކަމަށްވެސް ވިދާޅުވެފައެވެ.