Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

ސިޓީއަށް 15 ޕޮއިންޓުގެ ލީޑެއް

ޕްރިމިއާ ލީގުގައި ރޭ ވުލްވްސްގެ މައްޗަށް 4-1 އިން ކުރި ހޯދައި ލީގުގެ އެއްވަނައިގައި މެންޗެސްޓަރ ސިޓީން 15 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މިއީ ސިޓީން ޖެހިޖެހިގެން ހޯދި 21 ވަނަ މޮޅު ކަމަށްވާއިރު އޭގެ ތެރެއިން 15 މޮޅު ހޯދާފައިވަނީ ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުންނެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 65 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށް 50 ޕޮއިންޓު އަދި ތިންވަނައިގައި އޮތް ލެސްޓަ ސިޓީ އަށް ލިބިފައިވަނީ 49 ޕޮއިންޓެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސެސް އެވެ. އަނެއް ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ވުލްވްސް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެއް ކަމަށްވާއިރު އަނެއް ގޯލު ކާމިޔާބުކޮށްދިނީ ރިޔާދް މަހްރޭޒް އެވެ. ވުލްވްސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފައިވަނީ ކޯޑީ އެވެ.

ލީގުގެ އެއްވަނައިގައި 15 ޕޮއިންޓުގެ ލީޑެއް ސިޓީން ނަގާފައިވާއިރު، ލީގުގެ އެޓީމު ދެން ބައްދަލުކުރާނީ ދެވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ.