Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

ކޮމްޕްލެއިންސް ބިއުރޯއިން ޒާހިދު އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުން މައްސަލަ ބަލަން ފެށުމުން ލޯކަލް ކައުންސިލް އިންތިހާބުގެ ކޮމްޕްލެއިންސް ބިއުރޯގެ ހެޑަކަށް އައްޔަނުކުރި މުހައްމަދު ޒާހިދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އިތުބާރު ނެތްކަމަށް ފާސްކޮށް ރައްޔިތުންގެ މަޖިލީހުން މަގާމުން ދުރުކުރި މުހައްމަދު ޒާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކޮމްޕްލެއިންސް ބިއުރޯގެ ހެޑަކަށް އައްޔަނުކުރީ ފެބްރުއަރީ މަހުއެވެ.

އެ މައްސަލަ މަޖިލީހުގެ ބައެއް މެމްބަރުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީއަށް އިއްޔެ ވަނީ އީސީގެ މެމްބަރުން ހާޒިރުކޮށްފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކޮމްޕްލެޔަންސް ބިއުރޯގެ އިސްމީހާގެ މަގާމަށް ޒާހިދު ނަގާފައިވަނީ އާންމުކޮށް އެ މަގާމަށް މީހުން ނެގުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތަކީ ޒާހިދުކަމަށް ވުމުން އޭނާ މަގާމަށް ނެގީ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެކަން ކޮށްފައިވަނީ އާންމު އުސޫލުގެ ތެރެއިން އޮންނަ ގޮތަށް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެކަމުގައި މަޖިލީހުގެ މެމްބަރުންނާއި މަޖިލިސް ރައީސް ދެކެވަޑައިގަންނަވާ ގޮތެއް އީސީއަށް ހިއްސާކުރުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ދެކޭކަމަށެވެ. ކޮމްޕްލަޔެންސް ބިއުރޯއަކީ ވެސް ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ތަނެއްކަމަށާއި، އަދި މަޖިލީހުގެ ކޮންސާންސްއަކީ ރައްޔިތުންގެ ކޮންސާންސްގެ ގޮތުގައި ބަލައިގަންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކައަށްފަހު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ޒާހިދު އިންތިހާބުގެ ކޮމްޕްލެއިންސް ބިއުރޯގެ ހެޑަކަށް އައްޔަނުކުރުމުން ކަންބޮޑުވާކަން ހާމަކޮށްފައެވެ. އަދި ޒާހިދަކީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތިގެން އަދި މަގާމުގެ މައްސޫލިޔަތު އަދާނުކޮށްގެން އިތުބާރުނެތްކަމަށް ފާސްކޮށް މަގާމުން ދުރުކޮށްފައިވާ ފަރާތެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން ޒާހިދު އެޗްއާރްސީއެމްގެ މެމްބަރު ކަމުން ވަކިކޮށްފައިވަނީ، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ތަކުރާރުކޮށް ދޮގު މައުލޫމާތުދިން މައްސަލަ އާއި ބްލޮގަރ ޔާމިނު ރަޝީދުގެ މަރުގެ މައްސަލަ ބެލުމުގައި އިހުމާލުވި މައްސަލައާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅި މައްސަލައާއި، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ އާއިލާގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމުގައި އިހުމާލުވި މައްސަލަ މައްސަލައިގައެވެ. ރައްޔިތުންގެ މަޖިލީހުން ޒާހިދު އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.