ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ފުރި މައްސަލައިގައި މޯލްޑިވްސް އިމިގްރޭޝަނާއި ސުވާލު ކުރުމަށް ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.
މިއަދު ކުރިޔަށްދިޔަ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އަލީ ވަހީދު ފުރި ދުވަސް އިމިގްރޭޝަނުން ސާފު ކުރުމަށްފަހު ޕީޖީން ކޮމިޓީއަށް ފޮނުވި ސިޓީ އިއްވާފައެވެ.
އެގޮތުން އެ ސިޓީގައި ބުނެފައިވަނީ އަލީ ވަހީދު ރާއްޖެއިން ފުރާފައިވަނީ ފެބްރުއަރީ 9، 2021ގެ ރޭގަނޑު 11:09 ގައި ޓާކިޝް އެއާލައިންސްގެ ޓީކޭ 731 ފްލައިޓުން ތުރުކީގެ އިސްތަންބޫލަށް ކަމަށެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް އަމުރު ނެރުނު އަޑުއެހުން ބާއްވާ ޕާސްޕޯޓް ދޫކޮށްލާފައިވަނީ ފެބްރުއަރީ 9 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ނަރުނު އަމުރުގައި ޕާސްޕޯޓް ދޫކުރަން އަމުރު ނެރުނު ތާރީހެއްގެ ގޮތުގައި އޮތީ 10 ވަނަ ދުވަހެވެ. އެކަމުގައި ޕީޖީގެ ގިނަ ޝަކުވާތަކެއް ހުއްޓެވެ.
އަލީ ވަހީދުގެ މައްސަލައިގައި މިއަދު ޖުޑީޝަރީ ކޮމިޓީން ގޮތެއް ނިންމަން ހަމަޖެހިފައި އޮތް ނަމަވެސް، ޕީޖީގެ ސިޓީއަށް ފަހު މެމްބަރުން ވަނީ އިތުރު ސުވާލުތައް އުފައްދާފައެވެ.
އެގޮތުން ކްރިމިނަލް ކޯޓުގެ އަމުރުގެ ލިޔުން ނުކުތުމުގެ ކުރިން އަލީ ވަހީދު ފުރުއްވުމަށް އިމިގްރޭޝަނުން ހުއްދަ ލިބުނު ގޮތް ސާފުކުރަން ޖެހޭ ކަން މެމްބަރުން ފާހަގަކުރިއެވެ.
އެހެންކަމުން ޖުޑީޝަރީ ކޮމިޓީން ނިންމާފައިވަނީ މި މައްސަލައިގައި އިމިގްރޭޝަނާއި ސުވާލުކުރުމަށެވެ.
އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.