Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

މަލީހް މައްސަލައިގައި ރައީސް ސޯލިހް ކަންކުރެއްވި ގޮތް ހުތުރު: ދިޔާނާ

ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު - ފޮޓޯ: ވީނިއުސް

ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންކުރެއްވިގޮތް "ހުތުރު"ކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރީގެ މިނިސްޓަރު މަލީހް ސޯޝަލްމީޑިއާގައި ފާޑުކިޔަމުން އަންނައިރު ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަލީހް "އޮށްގާ އުކަނީ" ނުބައި ރައީސް އަކަަށް ކަމަށެވެ.

ރައީސް ނަޝީދުގެ ކެބިނެޓްގައި މަލީހް އިންނެވިނަމަ، ދިފާއު ކުރެއްވުމަށް ރައީސް ނަޝީދު ހުރިހާ ގަލެއްވެސް ފުރޮޅާނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންތައް ކުރެއްވި ގޮތް ހުތުރު، ވަޒީރު ކަމުނުދާނަމަ ވަކިކުރަންވާނީ ރީތިކޮށް، މަޖިލީހުން ނޮޅަން ދޫކޮށްނުލައްވާ." ދިޔާނާގެ ޓްވީޓްގައިވެއެވެ.

މީގެ އިތުރުން ދިޔާނާ ވިދާޅުވީ ވަޒިރަކާއި ދެކޮޅަށް ނެގޭ އިތުބާރު ނެތްކަމުގެ ވޯޓަކީ ސަރުކާރާއި ދެކޮޅަށްވެސް ނެގޭ އިތުބާރު ނެތްކަމުގެ ވޯޓެއް ކަމަށެވެ. އަދި މަލީހާއި މެދު އެގޮތަށް އަމަލުކުރުމަށް ރައީސް ސޯލިހް ދޫކޮށްލެއްވުމަކީ އުސޫލީގޮތުން ގޯހެއްކަމަށް ވިދާޅުވިއެވެ.

އިތުބާރު ނެތްކަމަށް ފާސްކޮށް މަލީހް މަގާމުން ވަކިކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވަޒީރަކާއި ދެކޮޅަށް އެމްޑީޕީގެ ސުޕަމެޖޯރިޓީ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓުނަގާ މަގާމުން ދުރުކުރި ފުރަތަމަ ފަހަރެވެ.