3-0 އިން ސެވިއްޔާ ބަލިކޮށް ސްޕެނިޝް ކަޕްގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ.
މި ދެ ޓީމު ބައްދަލުކުރި ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ ސެވިއްޔާ އިންނެވެ. ރޭގެ މޮޅާއެކު ބާސާ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލު މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެސް ބާސާ އަށް ވަނީ ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ދެވަނަ ހާފްގައި ވެސް ބާސާ އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު، މެޗުގެ 71 ވަނަ މިނެޓްގައި ސެވިއްޔާ އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޮކަމްޕޮސް ފޮނުވާލި އެ ޕެނަލްޓީ ބާސާގެ ކީޕަރު ސްޓޭގަން ވަނީ ދިފާއުކޮށްފައެވެ.
މި ޕެނަލްޓީ ސެވިއްޔާ އަށް ކާމިޔާބު ނުކުރެވުނުއިރު މެޗުގެ އެންމެފަހު މިނެޓްގައި ޖެރާޑް ޕީކޭ ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެއާއެކު ދެން ނަތީޖާ ނެރުމަށް ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ.
އެގޮތުން ބާސާގެ ތިންވަނަ ގޯލު އަދި އެޓީމު މުބާރާތުގެ ފައިނަލަށް ގެންގޮސްދިން ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 95 ވަނަ މިނެޓްގައި މާޓިން ބްރެއިތްވެއިޓްއެވެ.
މުބާރާތުގެ ފައިނަލްގައި ބާސާ ބައްދަލުކުރާނީ އެތްލެޓިކް ބިލްބާއޯ ނުވަތަ ލެވާންޓޭއާއެވެ.