ފަލަސްތީން ރައްޔިތުންގެ ދިފާއުގައި ރާއްޖެއިން ވަކާލާތު ކުރާނެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތަކުރާރު ކުރައްވައިފިއެވެ.
މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެމްބަރު ގައުމުތަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ވަރޗުއަލްކޮށް ރޭގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން މިނިސްޓަރު ޝާހިދު ވަނީ 1976ގައި އޯ.އައި.ސީ. އާ ގުޅުނުފަހުން ދިވެހިރާއްޖެއިން އެހެން މެމްބަރު ގައުމުތަކާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކާއި، އާއްމު ސިއްހަތާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ހަރަކާތްތައް ހުއްޓުުވުމާއި ޓެރަރިޒަމްއާއި އަދި މުސްލިމުންގެ ހައްގުތައް، ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ބެހޭގޮތުން ވަކާލާތުކުރުމުގައި، ދިވެހިރާއްޖެއިން މަސައްކަތް ކުރާކަން މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައިވަނީ 1969 ގައި އޯ.އައި.ސީ. އުފެދުނުފަހުން އެ ޖަމިއްޔާއިން މުސްލިމް ގައުމުތައް ގުޅުވައި، 1.5 ބިލިޔަން މުސްލިމުންގެ ހިތްތަކާ ގުޅިފައިވާ އެކި މައްސަލަތަކުގައި ވަކާލާތުކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.