މާޅޭސިޓިގައި އަޅާ ފްލެޓްތައް ދޫކުރުމުގައި މާލޭސިޓީ ކައުންސިލްގެ ބަހެއް ނޯންނާތީ ކަންބޮޑޫވުން ފާޅުކޮށްފިއެވެ.
ހިޔާ ފްލެޓްތަކުގެ މައްސަލައިގައި މަޖިލީހުގެ ގައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މާލޭ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ 13 ޑިސެމްބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ފޮނުއްވާފައިވާ ސިޓީގައި ވަރަށް ސާފުކޮށް މާލޭ ސިޓީގެ ހެދިފައި ހުރި ހުރިހާ ފްލެޓުތަކުގެ ކަންތައްތައްވެސް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ގެންދިޔުމަށް ވިދާޅުވެފައިވާކަމަށެވެ.
އެހެންނަމަވެސް އެކި ފަހަރުގެ މަތިން ސަރުކާރުތަކުގެ ތެރެއިން މި މަސައްކަތް ކުރަމުންދާއިރު ސިޓީ ކައުންސިލުގެ ބަހެއް ނެތި އެކަން ކުރަމުންދާތީ، އެކަމުގެ ކަންބޮޑުވުން އޮންނަކަމަށް ޝިފާ ވިދާޅުވިއެވެ. އަދި މާލޭސިޓީ ކައުންސިލާއި ހަމައެކަނި ހަވާލުކޮށްފައިވަނީ ދުވަސްވީ ސިނަމާލެ ފްލެޓްތައް ކަމަށާއި، އެތަނަކީ މާދަންވެސް ތަޅާލަންޖެހޭ ހިސާބުގައި ހުރި ތަނެއްކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ޝިފާ ވަނީ ފްލެޓްތަކުގެ ކަންތައް ކުރިއަށް ގެންދިއުމުގައި އަތޮޅުތެރޭގެ ކައުންސިލްތަކާއި މާލޭ ކައުންސިލާއި މެދު ތަފާތު ކުރުން ގެންގުޅޭތީ އެކަމުގައިވެސް ޝަކުވާ ކުރައްވާފައެވެ.