އައްޑޫ ސިޓީ މީދޫގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
އައްޑޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިމަސައްކަތަށް ދައުވަތު ހުޅުވާލެވިފައިވަނީ ރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ.
އެގޮތުން މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހާއި ހަމަޔަށް އެ ކައުންސިލް އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަމުގައި ބައިވެރިވުމަށް 300 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.
އަދި މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 1000 ރުފިޔާ ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 90 ދުވަހެވެ.
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.