1-0 އިން ލިވަޕޫލް ބަލިކުރުމަށްފަހު ޕްރިމިއާ ލީގުގެ ހަތަރުވަނަ އަށް ޗެލްސީން އަރައިފިއެވެ.
މި މޮޅާއެކު ލީގުގެ ހަތަރުވަނައިގައި ޗެލްސީ އޮތީ 47 ޕޮއިންޓާ އެކުއެވެ. އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލް އޮތީ 43 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގައެވެ. އެއްވަނައިގައި 65 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ސިޓީއެވެ.
ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޗެލްސީ އަށް މެޗުގެ 42 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މޭސަން މައުންޓްއެވެ. މައުންޓް މި ގޯލު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ ދެވަނަ ހާފްގައި ވެސް ޗެލްސީން ވަނީ ލިވަޕޫލްގެ ފަހަތަށް ބާރު ބޮޑުކޮށްފައެވެ. އެގޮތުން ޓިމޯ ވާނާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ ދިފާއުކޮށްފައެވެ.
ލިވަޕޫލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ޗެލްސީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.
މިއީ އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލް ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. އަނެއްކޮޅުން މިއީ ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅެ ޗެލްސީން ބަލިނުވެ ފުރިހަމަކުރި 10 ވަނަ މެޗެވެ.
ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ފުލަމްއާއެވެ. ޗެލްސީ ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.