Last Updated: May 2, 15:05
Thursday, May 2, 2024
ޚަބަރު ސިޔާސީ

ސިޓީ ކައުންސިލާ މެދު ކަންކުރި ގޮތް ކިޔައިދޭން ފެށުމުން ބުނީ އެންޓި ކެމްޕޭންކަމަށް!

ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: އަވަސް

މާލެސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މަގާމުގައި ހުންނަވައިގެން މާލެސީޓި ކައުންސިލާއި މެދު އަމަލުކުރިގޮތުގެ ވާހަކަ ދައްކަން ފެށުމުން އެއީ އެންޓި ކެމްޕޭންގެ ގޮތުގައި ސިފަ ކުރައްވައިފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވާ ކެނޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ކެމްޕެއިން ފޯރި ވަނީ ސޯޝަލް މީޑިއާގައި ގަދަވެފައެވެ.

އެގޮތުން އެމްޑީޕީގެ ޓިކެޓްގައި މަގާމަށް ކުރިމަތިލައްވާ އެޕާޓީގެ ކުރީގެ ސެކްރަޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ ޑރ. މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހަތް އަހަރު ވަންދެން ހުންނެވި އިރު މާލޭ ސިޓީ ކައުންސިލާއި މެދު އަމަލުކުރި ގޮތުގެ ވާހަކަ ދައްކަމުންނެވެ. އެކަން ފާހަގަކޮށް ގިނަ ފަރާތްތަކަކުން ޓްވީޓް ކުރަން ފެށުމުން ޑރ. މުއިއްޒު އިއްޔަ ވަނީ އެކަމަށް ރައްދު ދެއްވާފައެވެ. 

ޑރ. މުއިއްޒު ސިފަ ކުރެއްވި ގޮތުގައި އެފަރާތްތަކުން ކުރަމުން އަންނަނީ އެންޓި-ކެމްޕެއިންއެވެ.

"އެންޓި ކެމްޕެއިން ކުރުމަށް އެހާ ބޮޑު އިސްކަމެއް އެ ދެނީ ކީއްވެބާ؟" މުއިއްޒުގެ ޓްވީޓްގައިވެއެވެ.

މުއިއްޒު މި މޭރުމުން ޓްވީޓް ކުރެއްވުމުން އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލިސް މެމްބަރު ހަސަން ލަތީފް ވަނީ މުއިއްޒުއަށް ރައްދު ދެއްވާ ޓްވީޓްކުރައްވާފައެވެ.

އެގޮތުން ހަސަންގެ ޓްވީޓްގައި ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ބާރެއް "މުއިއްޒު އަތަށް ނަގައިގެން ހުރެ ހަތް އަހަރު ވަންދެން، ކޮންމެ ދުވަހަކު މި މާލެ ހަލާކު ކުރިގޮތް" ކިޔައިދިނުން އަދި ހަނދާންކޮށްދިނުމަކީ މުހިންމު ކަމެއްކަމަށެވެ.

މާލެސިޓީ މޭޔަރު ކަމަށް ޑރ. މުއިއްޒު އަދި އަނަސްގެ އިތުރުން ވާދަކުރައްވަނީ ކުރީގެ މަޖިލިސް މެމްބަރު އަލަހާން ފަހުމީއެވެ.