Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

ސަސްޕެންޑްކުރި މީދޫ ކައުންސިލަރުން މައްސަލަތަކަށް ޖަވާބުދާރީ ނުވޭ: އެލްޖީއޭ

ދ. މީދޫ ކައުންސިލްގެ ބައެއް މެމްބަރުން-- ފޮޓޯ: ރައީސް އޮފީސް

ދާދި ފަހުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ސަސްޕެންޑްކުރި ދ. މީދޫ ކައުންސިލްގެ މެމްބަރުން މައްސަލަތަކުގައި ޖަވާބު ދާރީވުމަށް ދިން ފުރުސަތުގައި ޖަވާބުދާރީ ވެފައިނުވާ ކަމަށް އެލްޖީއޭއިން ބުނެފިއެވެ.

މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ތިން މަސްދުވަހަށް އެލްޖީއޭއިން ސަސްޕެންޑް ކޮށްފައިވަނީ މީދޫ ކައުންސިލްގެ ރައީސް އިޔާސް އިސްމާއިލް ލަތީފާއި ނައިބު ރައީސް ޝުރައިފް އިބްރާހިމް ރަޝީދުގެ އިތުރުން މެންބަރު މުހައްމަދު ތައުފީގެވެ.

އެމްޑީޕީއަށް ނިސްބަތްވާ މި ތިން ކައުންސިލަރުން ސަސްޕެންޑްކުރި މައްސަލައިގައި އެލްޖީއޭއިން ބުނެފައިވަނީ، އެ މެމްބަރުންނާއި ގުޅިގެން އެލްޖީއޭއިން ނުވަ މައްސަލައެއް ބަލާފައިވާ ކަމަށެވެ. އެގޮތުން ބަލާފައިވާ މައްސަލަތަކުގެ ތެރޭގައި ކައުންސިލުގެ ރައީސް އަދި ނައިބު ރައީސް ކައުންސިލަށް ޤަވާއިދުން ހާޒިރުނުވާ މައްސަލައާއި ކައުންސިލުގެ އިދާރާ ހުޅުވައި ލެއްޕުމުގައި، އެލްޖީއޭއިން އެކަމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުޞޫލާ ހިލާފުވުމާއި ކައުންސިލުގެ އާންމު ބައްދަލުވުންތައް ޤަވާއިދުން ނުބޭއްވުމާއި ރައްޔިތުންނާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ނުބޭއްވުމުގެ އިތުރުން ތެޔޮ ހަޓާ ގުޅޭ ކަންކަމުގައި ޤަވާޢިދުތަކަށް ޢަމަލުނުކުރުން އަދި އިޢުލާނުކުރުމެއް ނެތި އަމިއްލަ ފަރާތަކަށް ބިންދޫކުރުމާއި ޤަވާއިދާ ޚިލާފަށް ދ. މީދޫއިން ދަނޑުބިން ދޫކުރުމާއި ދ. މީދޫ ބަނދަރުގެ މަސައްކަތަށް ދ. މީދޫ ކައުންސިލުން ހުރަސްއެޅުމުގެ އިތުރުން ދ. މީދޫއިން ގޯތި ދޫކުރުމުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ޢަމަލުކޮށްފައިވުން ހިމެނޭ ކަމަށެވެ.

އެލްޖީއޭއިން ބުނެފައިވަނީ މި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންދިއުމަށް މައްސަލަ ރައްދުވާ ކައުންސިލުގެ މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީ ވުމަށް ހަތް ދުވަހުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ. އޭގެ އިތުރުން، މައްސަލައާ ގުޅޭގޮތުން ކައުންސިލުގެ ހުރިހާ މެމްބަރުންނާއި، ކައުންސިލުގެ އިދާރާގައި، ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި މަސަކަތްތައް ކުރާ މުވައްޒަފުންގެ ބަޔާންނަގައި މައްސަލަތަކާ ގުޅޭ މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށެވެ. އަދި މި މައްސަލަތަކާ ގުޅޭ މައުލޫމާތާއި ލިޔެކިޔުންތައް މިދޫ ކައުންސިލުގެ އިދާރާއިން ހޯދުމަށް އެލްޖީއޭއިން ތަކުރާރުކޮށް މަސައްކަތްކޮށްފައިވާނެ ކަމަށާއި، ނަމަވެސް ދ. މީދޫ ކައުންސިލުގެ އިދާރާއިން އެލްޖިއޭއަށް ފޮނުވާފައިވަނީ މަދު ލިޔުންތަކެއް ކަމަށެވެ.

މީގެ އިތުރުން ތަހުގީގުން ފާހަގަކުރެވުނު ކަންކަމަށް ޖާވާބުދާރީ ވުމަށްވެސް ހަތް ދުވަހުގެ މުއްދަތެއް ދިންކަމަށާއި، އެހެންމަވެސް ޖަވާބުދާރީ ވެފައިނުވާކަމަށް އެލްޖީއޭއިން މައުލޫމާތުދެއެވެ.