ރާއްޖެއަށް އޮކްސިޖަން ސިލިންޑަރު ގެނައުމުގައި މޯލްޑިވް ގޭހުން ހިނގިކަމަށް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގުކުރަން ފަށައިފިއެވެ.
މޯލްޑިވް ގޭސްގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތް 16 މިލިއަން ރުފިޔާއަށް އަރައެވެ. ކޮވިޑް-19 އާ ގުޅިގެން 4،128 އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރަނީ މޯލްޑިވް ގޭސްގެ ޑީއެމްޑީ އިކްރާމް އަލީގެ މައްޗަށެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒެސް ކޮމިޓީން ބެލުމަށްފަހު ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، އޮކްސިޖަން ސިލިންޑަރުތައް ހޯދުމަށް މޯލްޑިވް ގޭހުން ބޭރުގެ ހަ ކުންފުންޏަކަށް ކޯޓޭޝަން ފޮނުވިއެވެ. އެގޮތުން 4000 އަށް ވުރެ ގިނަ އޮކްސިޖަން ސިލިންޑަރު ހޯދުމަށް ހިންގި މުއާމަލާތުގައި ކޯޓޭޝަން ފޮނުވި އެއް ކުންފުންޏަށް 1،000 ސިލިންޑަރު ގަންނަން ހަވާލުކުރިއިރު ބާކީ 3،000 ސިލިންޑަރު ގެނައުމަށް ހަވާލުކުރެވުނީ ސިންގަޕޫރުގެ "ޕްރޯބިޒް"ކިޔާ ކުންފުންޏަކަށެވެ.
އެހެންނަމަވެސް، ޕްރޯބިޒް އިން ހުށައެޅި އަގު ކޯޓޭޝަން ފޮނުވި އެހެން ކުންފުނިތަކަށް ވުރެން ބޮޑުކަމަށާއި، ޕްރޯބިޒް އާއި މި މަސައްކަތް ހަވާލުކުރީ ސީދާ އިކުރާމުގެ އިރުޝާދުގެ ދަށުން ކަމަށް ކޮމިޓީން ހާމަކޮށްފައިވާ މައުލޫމާތުތަކުގައިވެއެވެ.
އަދި އެކަން އެގޮތަށް ކުރުމުގެ ސަބަބެއްގެ ގޮތުގައި އިކުރާމް ދެއްކެވީ މި ހާލަތުގެ ގޮތުން އަވަހަށް ސިލިންޑަރު ހޯދުމެވެ.
މޯލްޑިވް ގޭހުން އާ ސިލިންޑަރުތައް ފޮނުވައިދިނުމަށް އެދުނުނަމަވެސް ޕްރޯބިޒް އިން ފޮނުވާފައިވަނީ ބާ ސިލިންޑަރުތަކެވެ. ކޮމިޓީން ވަނީ އެ ސިލިންޑަރުތަކުގަައި މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ އީމެއިލް އެއް ފާހަގަވެފައިވާ ކަމަށް ބުނެފައެވެ.
ކޮމިޓީން ހާމަކޮށްފައިވާ މައުލުމާތުތަކަށް ބަލާއިރު އެންމެ ފުރަތަމަ 1،000 ސިލިންޑަރު ގަނެފައިވަނީ ސިލިންޑަރަކަށް 253 ޑޮލަރުގެ މަގުންނެވެ. އަދި 3،128 ބާ ސިލިންޑަރު މާލެއާ ހަމައަށް ގެނެސްފައި ވަނީ ކޮންމެ ސިލިންޑަރެއް 224 ޑޮލަރުގެ މަގުންނެވެ.
މީގެ އިތުރުން ޕްރޯބިޒް ކުންފުނީގެ ހަރަދުގައި އިކްރާމް ސިންގަޕޫރަށް ދަތުރު ކުރި ކަމަށާއި އޭނާގެ ޓިކެޓަށް ފައިސާ ދެއްކީ ޕްރޯބިޒް ކުންފުންޏެއްގެ ހިއްސާދާރެއް ކަން އެނގޭ ކަމަށް ކޮމިޓީން ހާމަކޮށްފައިވާ މައުލުމާތުތަކުގައިވެއެވެ.