Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

ދިރާސީ އަހަރުގެ ކިޔެވުން ފެށުން އޮގަސްޓް މަހަށް ބަދަލުކޮށްފި

ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންތަކެއް - ފޮޓޯ: ޝަރަފުއްދީން ސްކޫލް

ދިރާސީ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޮގަސްޓް މަހަށް ބަދަލުކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ފުރަތަމަ ޓާމްގެ ކިޔެވުން އޮގަސްޓް މަހު ފެށުމުން ބޮޑު ޗުއްޓީ ލިބޭނީ ޖޫން ފަހުކޮޅު ނުވަތަ ޖުލައި މަހު ކުރީކޮޅުކަމަށެވެ. އަދި ޑިސެމްބަރުގައި ވެސް ދެ ހަފްތާ ނުވަތަ ތިން ހަފްތާ ދަރިވަރުންނަށް ޗުއްޓީގެ ގޮތުގައި ލިބޭނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ބަދަލާއި އެކު އޯލެވެލް އަދި އޭލެވްލް އިމްތިހާނު ހަދާ ދަރިވަރުން އިމްތިހާނު ހަދަން ޖެހޭނީ މޭ / ޖުލައިގައި ކަމަށެވެ.

މި ބަދަލުގެ ސަބަބުން ދަރިވަރުންނަށް ލިބޭނެ ފައިދާ މިނިސްޓްރީން ދިރާސާކޮށްފައިވާކަން ފާހަގަކޮށް މިނިސްޓަރު އައިޝަތް އަލީ ވިދާޅުވީ މި ބަދަލުގެ ސަބަބުން ބައިނަލްއަގްވާމީ ފަރާތްތަކުން ލިބޭ ފުރުސަތުތައް ދަރިވަރުންނަށް އިތުރުވެގެން ދާނެ ކަމަށެވެ. އަދި އެކެޑެމިކް ކަލަންޑަރަށް މިހާރު ގެނެސްފައިވާ ބަދަލަކީ އެތަންތަނުގެ ކަލަންޑަރާ އެއްގޮތަކަށް ގެނެސްފައިވާ ބަދަލެއްކަމަށް ވިދާޅުވިއެެވެ.

މީގެ ކުރިން ޖެނުއަރީގައި ދިރާސީ އަހަރު ފަށަމުން އައި ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އައި ބަދަލުތަކާއި އެކު މި ބަދަލު ގެނައީކަން މިނިސްތަރު އައިޝަތު އަލީ ފާހަގަކުރެއްވިއެވެ.