އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ދޫނުދެއްވާނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފައްޔާޒަށް އިތުރު ތުހުމަތުތަކެއް ކުރައްވައިފިއެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ވަޒީރުންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންނަވާ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދު ތުހުމަތު ކުރައްވާފައިވަނީ މިނިސްޓަރު ފައްޔާޒް ނުފޫޒު ފޯރުވައިގެން ހުޅުމާލެ ކްލިނިކް ޝަރުތު ފުރިހަމަ ނުވާ ބަޔަކަށް ދީފައިވާ ކަމަށެވެ.
އަދި ރައީސް ނަޝީދު ވިދާޅުވީ އެކަން އެގޮތަށް ކުރަން އެމަނިކުފާނު ދޫނުކުރާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު އެ ނިސްބަތްކުރައްވާ ޝަރުތު ހަމަނުވާ ބަޔަކީ މެމްބަރު ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވާ ހަމަ އެ ގްރޫޕުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވެފައިވަނީ އެކަމުގައި ނޫޅޭ ކަމަށް ކުރިންވެސް ދަންނަވާފައިވާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ، އެމަނިކުފާނަށް ނުފޫޒު ފޯރުވޭ ކަންކަމާއި ނުފޯރުވޭ ކަންކަން ހުންނާނެ ކަމަށާއި، އަދި ނުފޫޒު ފޯރުވާނަމަ އެކަމަށް އެއްބަސްވާން ޖެހިލުން ނުވާނެ ކަމަށެވެ.
ރައީސް ނަޝިދު އޭނާ ދެކެ ރުޅިއަންނަން ބޭނުންވާކަން އިނގޭކަން ފާހަގަކޮށް މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެހެންނަމަވެސް ނުކުރާކަމެއްގައި ބުނެވޭނެ އެއްްޗެއް ނޯންނާނެ ކަމަށެވެ.
މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ މިނިސްޓަރު ފައްޔާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި ފައްޔާޒަކީ "ބްރޯ" އެއްގެ ގޮތުގައި ސިފަ ކުރައްވާ ރައީސް ނަޝީދު ވަނީ ފައްޔާޒު މަގާމުން އެކަހެރިވުމަށް ދެންނެވުމަށް އެދި އެމްޑީޕީގެ ޗެއާޕާސަނަށް ސިޓީއެއްވެސް ފޮނުވާފައެވެ. އަދި މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަށް ސޮއިހަމަކުރަން ފެށިކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ.
ރައިސް ނަޝީދުގެ ތުހުމަތުތަކަށް މިނިސްޓަރު ފައްޔާޒް އަބަދުވެސް އަންނަވަނީ އިންކާރުކުރައްވަމުންނެވެ. އަދި މީގެ ކުރިން ވިދާޅުވެފައިވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި، އެކަންކުރާނީ ރައީސް ސޯލިހް އެކަމަށް އެދިލެއްވުމުން ކަމަށެވެ.