Last Updated: July 1, 19:17
Wednesday, July 1, 2026
ޚަބަރު

ބްރޮޑްކޮމް އަށް ފަޒީން އައްޔަނުކޮށްފި

ފޮޓޯ: ރައީސް އޮފީސް

ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް މުހައްމަދު ފަަޒީން އައްޔަނުކޮށްފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ފަޒީނު މަޤާމަށް އައްޔަންކުރައްވައި، މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ.

ފަޒީން ވަނީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވާފައެވެ. ފަޒިން ނޫސްވެރިކަމުގެ ދާއިރާއާއަށް ނިކުންނެވީ 2012 ވަނަ އަހަރު މާރިޗު މަހު ޗެނަލް ނިއުސް މޯލްޑިވްސް (ސީ.އެން.އެމް)ގެ ސީނިއަރ ޖަރނަލިސްޓެއްގެ ގޮތުގައެވެ. އަދި، 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އަދާކުރައްވަމުން ގެންދެވީ ރާއްޖެ ޓީވީގެ ސީނިއަރ ވީޑިއޯ ޖަރނަލިސްޓްގެ މަޤާމެވެ.

ބްރޯޑުކޮމް އަށް އައްޔަން ކުރުމަށް ފަޒީނުއަށް މަޖްލިސްގައި ތިއްބެވި 57 މެމްބަރުންގެ ތެރެއިން 55 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ ގޮޑި ހުސްވީ، ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ޒީނާ ޒާހިރު ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ދަނިކޮށް، އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެެ.