ހުސްވެފައިވާ ބާސެލޯނާގެ ރައީސް ކަމުގެ މަގާމަށް ޖޮއާން ލަޕޯޓާ އިންތިހާބުވެއްޖެއެވެ.
ބާސާގެ ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޖޯސެޕް ބާޓެމައު މިދިޔަ އޮކްޓޫބަރު މަހު މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
އާ ރައީސަކު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބު ލަޕޯޓާ ކާމިޔާބު ކުރެއްވީ 54 ޕަސެންޓް ވޯޓުންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ވިކްޓަރ ފޮންޓަށް 30 ޕަސެންޓް ވޯޓު ލިބުނުއިރު ދެން އިންތިހާބުގައި ވާދަކުރެއްވި ޓޯނީ ފްރެއިޒާ އަށް ލިބުނީ 9 ޕަސެންޓް ވޯޓެވެ.
މި އިންތިހާބުގައި ވޯޓު ލިބުމުގެ ހައްގު ލިބިގެންވާ ބާސާގެ 50،000 އަށް ވުރެ ގިނަ މެމްބަރުން ވޯޓު ލާފައިވެއެވެ.
އުމުރުން 58 އަހަރުގެ ލަޕޯޓާ ވަނީ މީގެކުރިން 2003 އިން ފެށިގެން 2010 އާއި ހަމައަށް އެ ކްލަބުގެ ރައީސްކަން ކުރައްވާފައެވެ. އެ މުއްދަތުގެ ތެރޭގައި ބާސާ އިން ވަނީ ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.