ރިސޯޓް މުވައްޒަފުންނަށް އާއިލާ ގާތަށް ރަށަށް ނުދެވޭ މައްސަލައިގައި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. އެ މައްސަލަ މަޖިލީހުގައި ބަހުސްކުރުމަށް ބަލައިގަތުމަށް ނެގި ވޯޓުގައި އެ މައްސަލަ ބަލައިގަތުމަށް 33 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ 5 މެމްބަރުން ތިއްބެވިއެވެ.
މެމްބަރު ހުސައިންގެ މައްސަލައިގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް އާއިލާގާތަށް ނުދެވޭ ކަމަށާއި، ރަށާ ކިތަންމެ ގާތުގައި ރިސޯޓް އޮތް ނަމަވެސް ރަށަށް ނުދެވި ރަށުބަންދެއްގައި މުވައްޒަފުން ތިބޭތީ ގިނަ މަސްތަކެއް ވެއްޖެކަމަށެވެ.
އަދި އާއިލާ ގާތަށް ދާނަމަ އިތުރު 10 ދުވަހު ކަރަންޓީނަށް ދާންޖެހޭ ކަމަށާއި، ކަރަންޓީން މުއްދަތު ރިސޯޓްތަކުން ނޯޕޭއަށް ހަދާ ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކަންވިއަސް ބޮޑު ތަކުލީފެއް އުފުލަންޖެހުމާއި، އޮފް ދުވަހުވެސް ފުލް އޮފް މުވައްޒަފުންނަށް ނުލިބޭކަމުގެ ކަންބޮޑުވުން އިތުރު ކަމަށް މެމްބަރު ހުސައިން ވިދާޅުވިއެެވެ.
ރިސޯޓް މުވައްޒަފުންނަކީ އެންމެ ބޮޑު ނުރައްކަލެއްގައި ތިބި މީހުންކަން ފާހަގަކޮށް މެމްބަރު ހުސައިން ވިދާޅުވީ ފަތުރުވެރިން މާސްކް ނާޅާ ރިސޯޓްތަކުގައި އުޅޭކަމަށާއ އަދި ރިސޯޓްތަކުގައި ވެކްސިން ޖެހުމުގެ ކަންކަމަށް ހައްލެއް ނުލިބި އޮތްކަމަށެވެ.
މެމްބަރު ހުސައިން ވިދާޅުވީ ރިސޯޓް މުވައްޒަފުންގެ ހައްޤުތައް ގެއްލުމަކީ ބަލައިގަނެވޭނެ ކަމަކަށް ނުވާތީ އެކަންކަން ބަލާ މުވައްޒަފުންގެ ހައްޤުތައް ރައްކާތެރިކުރުމަށް މައްސަލަ ހުށަހަޅާކަމަށެވެ.