Last Updated: July 1, 19:17
Wednesday, July 1, 2026
ޚަބަރު

ސޫރަތެއްގެ ނަން ނުބައިކޮށް ކިޔުމުން އިސްލާހުކޮށްދީ ސަމާލުވުމަށް އެދެފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ސޫރަތެއްގެ ނަން ނުބައިކޮށް ކިޔުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަން އިސްލާހުކޮށްދެއްވާ އެފަދަ ކަންކަމަށް ސަމާލުވުމަށް އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮޅިވަރަމު މެމްބަރު ނަޝީދު ވާހަކަ ދައްކަވަމުން ވިދާޅުވީ އިއްޒަތް ވަނީ މާތްﷲ އާއި ރަސޫލާއަށް ކަން، "މުނާފިޤް ސޫރަތުގެ 8 ވަނަ އާޔަތް" ބެލުމުން އެނގޭނެކަމަށެވެ. މެމްބަރު ނަޝީދު އެފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ ގަވައިދާއި އެއްގޮތަށް މެމްބަރުންނަށް ނިސްބަތްކޮށް ވާހަކަ ދެއްކެމުގެ ކުރިން "އިއްޒަތްތެރި" ބޭނުންކުރުމުން މަޖިލީހުގެ ރިޔާސަތުން އެދުމުންނެވެ.

މެމްބަރު ނަޝީދު މިފަދައިން ވިދާޅުވުމާ ގުޅިގެން ރައީސް ނަޝީދު ވަނީ މެމްބަރުގެ ވާހަކަ ހުއްޓުވާ، "ރޯނުބައިކޮށް ކިޔުއްވާތީ" ޤުރުއާނުގެ އާޔަތްތަކާއި މާނަ މަޖިލީހުގައި ނުކިޔުމަށް އެދޭކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެމޭރުމުން ވިދާޅުވުމުން މެމްބަރު ނަޝީދު ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެެވެ. އަދި އިއްޒަތްވަނީ ކޮން ބަޔަކަށްތޯ ބެލުމަށް "މުނާފިޤު ސޫރަތުގެ 8 ވަނަ އާޔަތް" ބެލުމަށް މެމްބަރު ނަޝީދު ވަނީ ތަކުރާރުކޮށް ގޮވާލައްވާފައެވެ.

ދެވަނަ ފަހަރަށްވެސް މެމްބަރު ނަޝީދުގެ ވާހަކަ ހުއްޓުވާ ރައީސް ނަޝީދު ވިދާޅުވެފައިވަނީ މެމްބަރުގެ ވާހަކަ ރަނގަޅު ކޮށްދޭން ޖެހޭ ކަމަށާއި، މެމްބަރު ވިދާޅުވަނީ ޤުރުއާނުގައި އޮތް ސޫރަތެއްގެ ވާހަކަ ނޫންކަމަށެވެ. އަދި ރައީސް ނަޝީދު ވަނީ ދީނުގެ އެންމެ މަތީ އިސްމަފުޅަށް އެގޮތަށް ނެހެދުމަށް މެމްބަރު ނަޝީދުކުރެއް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

"ނޮޅިވަރަމު ދާއިރާގެ އިއްޒަތްތެރި މެމްބަރަށް ސާފުކޮށްލަދޭނަން. އެ ސޫރަތަށް ކިޔަނީ މުނާފިގު ސޫރަތެއްނޫން. މުނާފިޤޫން. އިނގިރޭސި ބަހުން ހިޕޮކްރިޓްސް. ދިވެހިން އެއަށް ދެފުށްކެހެރިވެސް ކިޔާ." މެމްބަރު ނަޝީދަށް ސާފުކޮށްދެއްވަމުން ރައީސް ނަޝިދު ވިދާޅުވިއެެވެ.

މަޖިލީހުގެ ތަޅުމުގައި ޤުރުއާނުގެ އާޔަތް ނުބައިކޮށް ކިޔިދާނެތީ އަދި ނުބައި މާނައެއް ކިޔިދާނެތީ އެކަން އެގޮތަށް ނުކުރުމަށް މަޖިލީހުގެ ރިޔާސަތުން މެމްބަރުންގެ އަރިހުުން އަބަދުވެސް އެދެއެވެ.