ވަޒީފާގެ ބާޒާރުގައި އަންހެނުން ޝާމިލުވާ މިންވަރު މަދު ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރަމުން އަންނަ އަންހެނުންގެ ދުވަހާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިިޗަރ ސާރވޭ 2019" ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ވަޒިފާގެ ބާޒާރުގައި އަންހެނުން ޝާމިލުވާ މިންވަރު މަދުކަމަށެވެ.
މިނިސްޓަރު ވިދާޅުވި އެ ތަފާސްހިސާބު ދައްކާގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތަކީ 46 އިންސައްތަ ކަމަށާއި، މިއީ ރާއްޖޭގެ އެވްރެޖު މިންވަރު ކަމަށްވާ 60 އިންސައްތަ އަށްވުރެ ދަށް އަދަދެއްކަމަށެވެ.
ގޭގައި މަސައްކަތްކުރާ އަންހެނުންގެ ދައުރުބޮޑުކަން ފާހަގަކޮށް މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ މިގޮތަށް ކުރާ މަސައްކަތުގައި ލިޔެކިއުން ގެންގުޅުން މަދުވެފައި އިންކަމް ސަޕޯޓަށް އެދުމުގައި އެދެވޭ މިންވަރަށް ސަޕޯޓިން ޑޮކިިއުމަންޓް ލުމަށް އަންހެނުންނަށް ދަތިކަން ފާހަގަކުރވިފައިވާ ކަމަށެވެ. މިފަދަ ފަރާތްތަކަށް ރިޢާޔަތްކޮށް އިންކަމް ސަޕޯޓް ދިނުމުގެ މިންގަނޑުތައް ލުއިކޮށް އިތުރު ފަރާތްތައް ޕްރޮގްރާމްގައި ބައިވެރިކުރެވިފައިވާކަން ޖޮބް ސެންޓަރުތަކުން މައުލޫމާތު ދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދޭން ޖެހުނު އެކި ހިދުމަތްތައް ދިނުމުގަޔާއި ފްރަންޓްލައިންގައި ސާބިތު ކަމާއެކު އެންމެ ބޮޑަށް ހިއްސާ ކުރަނީ އަންހެނުން ކަމަށެވެ.