Last Updated: May 1, 10:34
Wednesday, May 1, 2024
ޚަބަރު އެމްއެންޑީއެފް

"ހަގީގީ ލީޑާޝިޕަކީ ތަބަކަކަށް ލާފައި ދޭ އެއްޗެއް ނޫން"

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ - ފޮޓޯ: އަވަސް

ހަގީގީ ލީޑާޝިޕަކީ ތަބަކަކަށް ލާފައި ދޭ އެއްޗެއް ނޫންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ "އައްޑަނަ" މަޖައްލާގެ މި ހަފްތާގެ އަދަދަށް ލިޔުއްވާފައިވާ ލިޔުއްވުމުގައި އަންހެނުންގެ ދުވަހާއި ގުޅޭގޮތުން މިނިސްޓަރު މާރިޔާ ވިދާޅުވެފައިވަނީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރު ބިނާކޮށްފައި ވަނީ ލީޑަރުންގެ ގޮތުގައި އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށް ކަމަށް ވީއިރު، ކޮންމެ ކަމެއް ވެސް އަލަށް ފަށައިގަންނައިރު ވަރަށް އުސް އޮޅިތަކެއް ގިރާ ކުރަން ޖެހޭނެކަން ގަބޫލުކުރަން ވާނެ ކަމަށެވެ.

ފިރިހެނުން ގިނަ ތަނަކަށް އައިސް، އަންހެނަކަށް ވީތީ، ތިމަންނާއަށް މިވެނި އެވެނި ކަމެއް ނުކުރެވޭނޭ ބުނުމުގެ ބަދަލުގައި، ކެރިގެން ނުކުމެ، ހަމަ ކޮންމެ ކަމެއްވެސް ކުރެވުނު އެންމެ ރަނގަޅަކަށް ކުރުމުގެ ޖޯޝާއި ރޫހު ކަށިން ނެރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓަރު މާރިޔާ ލިޔުއްވާފައިވެއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ އެމްއެންޑީއެފްގެ އެންމެ މަތީ ފަޑީގައި، ލަފާދޭ މަޖިލީހުގައި، ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލް ރޭންކުގެ އޮފިސަރުން ތިއްބަވާއިރު، އެ ދެ އޮފިސަރުންނަކީ ވެސް އަންހެން ބޭފުޅުންކަމަށެވެ. މީގެ އިތުރުން މިނިސްޓަރު މާރިޔާ ވިދާޅުވީ ހަގީގީ ލީޑާޝިޕަކީ ތަބަކަކަށް ލާފައި ދޭ އެއްޗެއް ނޫންކަމަށެވެ.

"އެއީ، ތިމާގެ އަމިއްލަ ހިތްވަރާއި ފަންވަރުން ހާސިލްކޮށް، ދަމަހައްޓާ މުހިންމު ބުރަ މަސްއޫލިއްޔަތެކެވެ." މިނިސްޓަރު މާރިޔާ ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން މިނިސްޓަރު މާރިޔާ ވަނީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އަންހެން ސިފައިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކޮށްފައެވެ.