ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރާ ބޭރުގެ މަސްބޯޓުފަހަރަށް ފިޔަވަޅު އެޅުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤްއެވެ. މި ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް 10 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަކަމަށް 26 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވާ 3 މެމްބަރުން ތިއްބެވިއެވެ.
ތޯރިޤްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ދާއަޅައިގެން މަސްވެރިކަންކުރާ ބޯޓުފަހަރު ފެންނަ މިންވަރު މި ދުވަސްވަރު އިތުރުވެފައިވާކަމަށެވެ. އަދި އުތުރު އަތޮޅުތަކުން ފެންނަ ބޯޓުފަހަރު ގިނަވެ މަސްވެރިކަމަށް އަސަރުކުރަމުން އަންނަކަމަށް ކުއްލި މައްސަލައިގައިވެއެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ މިކަންކަން މަދުކުރުމަށް ޤައުމުގެ އިޤްތިސާދީ ސަރަހައްދަށް ފާރަވެރިވުމަށް ކަމާގުޅޭ އިދާރާތަކަށް ގޮވާލާކަމަށެވެ.
މިފަހުން ރާއްޖޭގެ ދެ މަސްދޯންޏަކުން އަތުލައިގެން ބޭރުގެ ބޯޓަކުން ފެނުނު މީހުންނަށް ދައުވާ ނުކޮށް ދޫކޮށްލުމަށް ނިންމާފައިވާކަމަށާ އަދި ބޯޓަށްވެސް ފިޔަވަޅުއެޅުމެއް ނެތި ދޫކޮށްލާފައިވާކަން ފާހަގަކޮށް ކުއްލި މައްސަލައިގައި ބުނެފައިވަނީ އެގޮތަށް އަމަލުކުރުމަކީ އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ލިބޭ އިތުރު ހިތްވަރަކަށްވާތީ ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލާ ކުއްލި މައްސަލަ ހުށަަހަޅާކަމަށެވެ.