ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އިސާ ވަކިއެއްޗެއް ނާންގާ މަޖިލީހަށް ހާޒިރުނުވާތީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ މަޖިލީހުގެ ހާޒިރީ އިއުލާނު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ތިބީ 33 މެމްބަރުން ކަމަށާއި ސަލާމުގައި ހަ މެމްބަރުން އަދި ކަރަންޓީނުގައި ތިން މެމްބަރުން ތިއްބެވި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަލާމް ވެސް ނުފޮނުއްވަވާ އަދި ކަރަންޓީނުގެ ހާލަތުގަ ނޫން ވިޔަސް މަޖިލީހަށް ވަޑައިނުގަތް، ޖަލްސާތަކަށް ވަޑައިނުގަންނަވާ ގިނަ ދުވަސްތަކެއް ވަމުންދާ ބައެއް އިއްޒަތްތެރި މެމްބަރުން އެބަތިއްބެވި ކަމަށެވެ.
"އަޅުގަނޑު މިއަދު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ، މިތަނަށް ވަޑައިނުގަންނަވާ އަދި ސަލާން ނުފޮނުއްވާ ހުންނަވާ ސަބަބާ ގުޅޭގޮތުން ކަންބޮޑުވޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާތަކަށް ބައެއް މެމްބަރުން ވަރަށް ގިނައިން ސަލާމް ބުނަމުންދާތީ އެކަމުގެ ޝަކުވާ މީގެ ކުރިންވެސް މަޖިލީހުގެ ރިޔާސަތުން ކޮށްފައިވެއެވެ. އަދި މިދިޔަ އަހަރު މަޖިލީހުގެ ޖަލްސާއަށް އެއްވެސްގޮތަކަށް ވަޑައިނުގަންނަވާ މެމްބަރުން ތިއްބެވިކަމަންވެސް ފާހަގަކުރައްވާފައިވެއެވެ.