Last Updated: July 1, 18:18
Wednesday, July 1, 2026
ޚަބަރު

ހުރިހާ ޤައިދީންނާ ގުޅޭ ބޮޑު މަސައްކަތެއް ޖުޑީޝަރީ ކޮމިޓީއަށް ހަވާލުކޮށްފި

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ހުރިހާ ގައިދީންނާ ގުޅޭ ބޮޑު މަސައްކަތެއް ކުރުމަށް މަޖިލީހުގެ ރިޔާސަތުން ޖުޑީޝަރީ ކޮމިޓީއަށް ހަވާލުކޮށްފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް އެކިކަންކަމުގައި ވަރަށް ގިނަ ފަރާތްތަކުން ސިޓީ ފޮނުވާކަމަށެވެ. އެގޮތުން އެންމެ ގިނައިން މަޖިލީހަށް ސިޓީ ފޮނުވަމުން އަންނަ އެއްބަޔަކީ ޖަލު ހުކުމް ތަންފީޒުކުރާ ގައިދީންކަން ފާހަގަކުރެއްވިއެވެ.

އަދަބު ލުއިކޮށްދިނުމަށްއެދި ގައިދީން އިލްތިމާސް ފޯމު ހުށަހެޅުމަށް ފަހު ޖަވާބެއް ނުލިބި ލަސްވާ މައްސަލަ ޖުޑީޝަރީ ކޮމިޓީން ބެލުމަށްފަހު ރިކޮމެންޑޭޝަންސްއާ އެކު ރިޕޯޓެއް ފާސްކޮށްފައިވާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ފެންނަމުން ދަނީ މިކަންކަމަށް އަމަލީ ސިފައެއް އަންނަމުން ނުދާތަންކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ހުރިހާ ފަރާތްތަކުގެ މައުލޫމާތު ހޯދައި، ޖުޑީޝަރީ ކޮމިޓީން ފުން ދިރާސާއެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ޖަލުގައި ނުވަތަ ހުކުމުގައި ތިއްބެވި ހުރިހާ ފަރާތެއް ހޯއްދަވާ އެމީހުންގެ ކުށަކީ ކޮބައިތޯ، ހުކުމަކީ ކޮބައިތޯ، ވަނަވަރަކީ ކޮބައިތޯ އަފޫއާމާށް އެދިފައިވާ އިރަކީ ކޮބައިތޯ، އަދަބު ލުއިކޮށްދެވެން އެބަ އޮތްތޯ، ޖުޑީޝަރީ ކޮމިޓީން ބަލަންޖެހޭކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖުޑިޝަރީ ކޮމިޓީން މިކަން ފުންކޮށް ދިރާސާކުރުމަށްފަހު ސަރުކާރަށް ލަފައެއް އެރުވުމަށް ޖުޑިޝަރީ ކޮމިޓީން މަސައްކުރަންޖެހޭކަމަށެވެ.