ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރާ ބޭރުގެ މަސްބޯޓުފަހަރަށް ފިޔަވަޅު އެޅުމަށް ގޮވާލާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަކީ އޮޅުވާލާ ފިތުނަ އުފެއްދުމަށް ހުށަހަޅާފައިވާ ކުއްލި މައްސަލައެއް ކަމަށް އައްޑު މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ތޯރިޤްގެ ކުއްލި މައްސަލަ މިއަދު ބޭރުކޮށްލަންޖެހުނީ ސިޔާސީ ބޭނުމަކަށް މަސްވެރިންގެ ވިންދާއިކުޅުމަށް ހުށަހަޅާފައިވާ ތާކުންތާކުން ނުޖެހޭ މައްސަލައެއްކަމަށެވެ.
ރޮޒައިނާ ވިދާޅުވީ އޮގަސްޓް 2019 ގައި މަޖިލީހުން ފާސްކޮށްފައިވާ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފަހައްޓާ އުޅަނދުފަހަރަށް ޖިނާއީ ދައުވާކޮށް ޖިނާއީ ތަހުގީގު ނުކުރެވޭކަމަށާއި ތޯރިގް ކުއްލި މައްސަލަ ހުށަހެޅުއްވީ އެކަން ނޭންގިތޯ ސުވާލު އުފެދޭކަމަށެވެ.
މަސްވެރިކަމުގެ ޤާނޫނުގެ ދަށުން މިހާރު އެގޮތަށް ހިފަހައްޓާ ބޯޓުފަހަރާއި ދެކޮޅަށް ކުރެވޭނީ މަދަނީ ދައުވާކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ ޤާނޫނު އެގޮތަށް ބަދަލުކުރަން ޖެހުނީ ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ޔޫއެންގެ ލޯ އޮފް ސީސް އާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
ރޮޒައިނާ ވިދާޅުވީ ތޯރިޤް ކުއްލި މައްސަލަ ހުށަހެޅުއްވީ ދޮގު ވާހަކަތަކެއް ހިމަނައިގެން މަސްވެރިންނާއި ސަރުކާރާއި ދެމެދު ފިތުނަ އުފެއްދުމަށް ކަމަށެވެ.