Last Updated: July 1, 18:18
Wednesday, July 1, 2026
ޚަބަރު

މަލީހު މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ހާޒިރުކުރަނީ

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކު ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

މިއަދު ކުރިއަށްދިޔަ އޮ ކޮމިޓީގެ ބައްދަލުވުމުގައި މަލީހް އެ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދިޔަ ދުވަހު މައްސަލައިގައި ޖަވާބު ދެއްވަމުން ދެއްކެވި ބައެއް ވާހަކަތަކާއި ގުޅިގެންނެވެ.

އެގޮތުން މަލީހް އެދުވަހު ތުހުމަތު ކުރައްވާފައިވަނީ މަޖިލީހުގެ މެމްބަރުން ވަޒީރުންނަށް ބިރުދައްކާ ކަމަށާއި، އެގޮތުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވާފައިވަނީ މަޖުބޫރު ކޮށްގެން ކަމަށެވެ.

މަލީހްގެ ތުހުމަތުތައް ބެއްލުވެމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސުލޫކީ ކޮމިޓީއަށް ހުށަހެޅި މައްސަލައިގައި މަލީހް ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު އަޙްމަދު ހާރޫނެވެ.

އިތުބާރު ނެތްކަމުގެ ވޯޓް ނަގާ މަގާމުން ވަކިކުރި ޖޭޕީގެ މަލީހް މަޤާމުން ވަކިކުރި ފަހުން އަންނަނީ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ސަރުކާރު ކޯލިޝަން ނެތްކަމަށްވެސް ވިދާޅުވިއެވެ. އަދި މަލީހް ވަނީ އިދިކޮޅުގެ ކެމްޕޭން ހަރަކާތުގައި ރޭ ބައިވެރިވެފައެވެ.