Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

ޔުވެންޓަސް ކަޓައިފި، ޑޯޓްމަންޑް ކުއާޓާ އަށް

ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗުން 2-3 އިން ޔުވެންޓަސް މޮޅުވި ނަމަވެސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ނުގޮސް އެ ޓީމު ކަޓައިފި އެވެ.

މި ދެ ޓީމު ޕޯޓޯގެ ދަނޑުގައި ބައްދަލުކުރި ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗު 2-1 އިން ކާމިޔާބުކުރީ ޕޯޓޯ އިންނެވެ. ރޭގެ މެޗުގެ ނަތީޖާއާއެކު 4-4 އިން އެގްރިގޭޓް ނަތީޖާ އެއްވަރުވިއިރު މުބާރާތުގެ ކުއާޓާ އަށް ޕޯޓޯ ދަތުރުކުރީ އަވޭ ގޯލުން ކުރި ހޯދައިގެންނެވެ.

ޔުުވެންޓަސްގެ ދަނޑުފައި ރޭ ކުޅުނު މި މެޗުގެ 19 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ސާޖިއޯ އޮލިވޭރާ ވަނީ ޕޯޓޯ އަށް ލީޑު ނަގާދީފައެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ފެޑެރީކޯ ކިއޭސާ ވަނީ ދެ ގޯލު ކާމިޔާބުކޮށް ޔުވެންޓަސް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

މެޗުގެ 54 ވަނަ މިނެޓްގައި ޕޯޓޯ މެހްދީ ތަރީމީ އަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކުއެވެ. މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން 15 މިނެޓްގެ ދެވަނަ ހާފްގެ ފަހުކޮޅު ލިބުނު ހިލޭޖެހުމަކުން ސާޖިއޯ ވަނީ ޕޯޓޯ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓް ފަހުން ރަބިއޯ ޔުވެންޓަސް އަށް އަލުން ލީޑު ނަގާދީފައެވެ.

އިތުރު ގޯލެއް ކާމިޔާބުކޮށްގެން މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރުމުގެ ފުރުސަތު ޔުވެންޓަސް އަށް އޮތް ނަމަވެސް ޕޯޓޯގެ ޑިފެންސްލައިނުން ވަނީ ޔުވެންޓަސް އިން ފޮނުވާލި ހަމަލާތައް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ޔުވެންޓަސް މުބާރާތުގެ ކެޓިއިރު ސްޕެއިންގެ ސެވިއްޔާ އާއި 2-2 އިން އެއްވަރުކޮށް ބްރޫޝީއާ ޑޯޓްމަންޑް ވަނީ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފައެވެ. ޑޯޓްމަންޑް ކުއާޓާ އަށް ދަތުރުކުރީ 5-4 ގެ އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިގެންނެވެ. އެގޮތުން މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 3-2 އިން ކާމިޔާބުކުރީ ޑޯޓްމަންޑުންނެވެ.

ރޭގެ މެޗުގައި ޑޯޓްމަންޑުން ކާމިޔާބުކުރި ދެ ގޯލު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ހުނަރުވެރި ފޯވާޑް ހާލަންޑްއެވެ. ސެވިއްޔާގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އެން ނަސީރީއެވެ.

މުބާރާތުގެ ކުއާޓާގައި ޑޯޓްމަންޑް ބައްދަލުކުރާނެ ޓީމެއް އިނގޭނީ މި މަހުގެ 19 ވަނަ ދުވަހު ނަގާ ގުރުއަތުލުމުންނެވެ.