Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ފްލެޓް ކޮމިޓީއަށް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ނުނެރެވޭނެ: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްހޫރއިްޔާ އުފައްދަވާފައިވާ ފްލެޓް ކޮމިޓީއަށް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ނުނެރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް މެމްބަރުން ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފްލެޓް ކޮމިޓީ އިއުލާނު ކުރެވުނީ 11 ޑިސެމްބަރު 2018 ގައި ކަމަށާއި، އެ ކޮމިޓީގައި ވަނީ 3 މައްސޫލިޔަތެއް ކަމަށެވެ.

ފްލެޓް ކޮމިޓީގެ މައްސޫލިޔަތުތައް ސާފުކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ކޮމިޓީގެ މައްސޫލިޔަތަކީ، ގެދޮރުވެރި ކުރުމުގެ މަޝްރޫއުގެ ދަށުން ފްލެޓްތައް ދޫކޮށްފައިވަނީ އުސޫލުން ބޭރުންކަމަށް ބުނެ ސަރުކާރަށް ލިބެމުންދާ ޝަކުވާތައް ދިރާސާކޮށް އެކަންކަމާއި މެދު އަމަލުކުރާނޭ ގޮތެއްގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމާއި، "ހިޔާ މަޝްރޫއު"ގެ ދަށުން ފްލެޓް ލިބުނު ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ލިސްޓުތައް އަލުން ރިވިއުކޮށް ޕޮއިންޓް ދޫކޮށްފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލާ ކަށަވަރުކުރުމާއި ފްލެޓްތައް ދިނުމަށް އުސޫލުން ބޭރުން ކަންކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތައް ހޯދާ އެފަރާތްތަކާއި މެދު އަމަލުކުރާނޭ ގޮތެއްގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުގެ އިތުރުން ހިޔާ މަޝްރޫއާއި ގެދޮރުވެރިކުރުވުން މަޝްރޫއާއި އަދި ގުޅީފަޅު ހައުސިން ޕްރޮޖެކްޓްގެ ދަށުން ކަންކަން ކުރިއަށް ގެންގޮސްފައިވާގޮތް ރިވިއުކޮށް ފްލެޓް ހައްޤުވާ ފަރާތްތަކަށް އެންމެ އިންސާފުވެރިކޮށް ފްލެޓް ކަށަވަރުކޮށް ދިނުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުންކަމަށެވެ.

ރައީސް ނަޝިދު ވިދާޅުވީ މިކޮމިޓީގެ މައްސޫލިޔަތަކީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުންކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކައަށް ފަހު މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަމުން ފްލެޓް ކޮމިޓީން ލިސްޓް ނެރުމުން ހައުސިން މިނިސްޓްރީން ބައެއް ކަންކަން ކުރުން ލާޒިމުވާކަމަށް ވިދާޅުވިއެވެ. އެއާއި އެކު ރައީސް ނަޝީދު ވަނީ މިނިސްޓަރު އަސްލަމްގެ ވާހަަކަފުޅު ހުއްޓުވާ ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައެޅުމަކީ ފްލެޓް ކޮމިޓީގެ މައްސޫލިޔަތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ހައުސިން މިނިސްޓަރގެ މައްސޫލިޔަތެއް ކަމަށާއި، ފްލެޓް ކޮމިޓީގެ މައްސޫލިޔަތަކީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުން ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފްލެޓް ކޮމިޓީއަށް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ނުނެރެވޭނެ ކަމަށާއި އެއީ އެ ކޮމިޓީގެ މައްސޫލިޔަތެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވި ހިޔާ މަޝްރޫއާއި ގުޅޭގޮތުން މަޖިލީހުން ބޮޑު މަސައްކަތެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ހިޔާ މަޝްރޫއާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 115 ފަރާތަކުން ޝަކުވާ ހުށަހަޅާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.