Last Updated: July 1, 18:18
Wednesday, July 1, 2026
ޚަބަރު

ދަފްތަރާ ހެދި އުނދަގޫ ތަކެއް ކުރިމަތިވޭ، އުވާލަންޖެހޭ: މިނިސްޓަރު އަސްލަމް

މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލޭގެ ދަފްތަރަކީ މާކުރިންސުރެވެސް އުވާލަންޖެހިފައި އޮތް އެއްޗެއްކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގުވަނީ މާލޭގެ ދަފްތަރު އުވާލުމާ ގުޅޭ ގޮތުން މިނިސްޓަރު ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯ އައްސަވާފައެވެ. 

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ ދަފްތަރަކީ އޮންނަންޖެހޭ އެއްޗެއްކަމަށް ޤަބޫލުނުކުރާ ކަމަށާއި، އެ ދަފްތަރު އުވާލަންޖެހޭ ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އުމުރުން ފަސް އަހަރުން ފެށިގެން މާލޭގައި އުޅުމަކީ މާލޭގެ ރަޖިސްޓްރީގައި އެމީހަކު ޖައްސަންޖެހޭ ސަބަބެއް ކަމަސް ގަބޫލުނުކުރާކަމަށެވެ.

"އަޅުގަނޑުގެ އިހްތިޔާރުގައި މާލޭގައި އައިސް އުޅެނީ އުފަންވީ ރަށަށް ވުރެން ކޮންމެވެސް ކަމެއް އިތުރަށް ލިބޭ ކަމަަށް ގަބޫލުކުރާތީ ދަފްތަރުގައި ޖެހިގެން ހުންނަނީ." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅިވީ އެހެން ރަށްރަށުގެ ރައްޔިތުން ރަޖިސްޓްރީވުމަށް ހަދާފައިވާ ދަފްތަރުގެ ސަބަބުން އުނދަގޫތަކަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

ދަފްތަރުގެ މައްސަލަ ބޮޑުވެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމަށް ކުރީ ސަރުކާރުން ދަފްތަރުގައި ގިނަބަޔަކު ޖެއްހި ހިސާބުންނެވެ.