Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު ސިޔާސީ

އެމްއާރްއެމްއިން އިދިކޮޅާ ގުޅެން އުޅޭކަމަށް ބުނެ ފަތުރާ ވާހަކަ ދޮގުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް-- ފޮޓޯ: މިހާރު

ސަރުކާރު ކޯލިޝަންގެ ބައިވެރިއެއްކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އިން އިދިކޮޅާ ގުޅެން ނިންމާފައި ނުވާކަމަށް އެޕާޓީގެ އިންތިގާލީ ނައިބު ރައީސް އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިދިކޮޅާ ގުޅެންއުޅޭ ކަމުގެ އަޑުތައް ފެތުރޭކަމަށް ބުނެ މީޑިއާއަކުން ލިޔެފައިވާ ހަބަރަކާއި ގުޅިގެން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމް.އާރް.އެމް އިން މި ފަދަ ނިންމުމެއް ނިންމާފައި ނުވާކަމަށެވެ.

އަދި އެފަދަ މަޝްވަރާއެއް ވެސް ކޮށްފައި ނުވާކަމަށާއި، މިއީ ހަގީގަތް އޮޅުވައިލުމަށް ބަޔަކު ދައްކާ ވާހަކައެއް ކަމަށެވެ.

އޭގެއިތުރުން އެމްއާރްއެމްގެ ސެކްރަޓަރީ ޖެނެރަލް އަބަދުލްއަލީމް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އަދި އެފަދަ އެއްވެސް މަޝްވަރާއެއްވެސް ކޮށްފައި ނުވާކަމަށާއި، ފިތުނަ އުފެދޭގޮތަށް ދައްކާ ވާހަކަތައް ބަލައިނުގަންނާނެ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ދިން ފަރާތެއްގެ ނަން ހާމަކުރުމަށްވެސް ގޮވާލައްވާފައިވެއެވެ.

ރައީސް މައުމޫންގެ އެއްބަފާ ކޮށްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫންގެ އަތުން ޕީޕީއެމް އަތުލުމަށްފަހު، ކުއްލި ހާލަތު އިއުލާނުކޮށް ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށް ލާފައިވެއެވެ. އަދި ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އެކި ފަހަރު މަތިން ހައްޔަރުކޮށް ޖަލަށްލާފައިވެއެވެ.